MTCC

ބޭސް ހޯދުމަށް ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފި

large_thumb_1785919392334

ބޭސް ހޯދުމަށް ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފި

SHARE

ރާއްޖޭގެ ސިއްހީ ނިޒާމަށް ބޭނުންވާ މުހިންމު ބޭސްތަކާއި ސިއްހީ ޚިދުމަތްތައް ފަސޭހަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓް ފާމާ) އިން ޔޫރަޕްގެ މަޝްހޫރު ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށްފިއެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ސްޓޭޓް ފާމާއިން މަޢުލޫމާތު ދޭގޮތުގައި، މިއީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބޭސްތައް އިތުބާރާއެކު މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމުތައް ހަރުދަނާކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ. އަދި ދެ ފަރާތުގެ ދެމެދުގައި ދިގުމުއްދަތުގެ ބަދަހި ގުޅުމެއް ގާއިމުކުރުމާއި، ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްޤީކުރުމަށްޓަކައި އިސްކަންދޭންޖެހޭ މުހިންމު ކަންކަމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.

ސްޓޭޓް ފާމާގެ އަމާޒަކީ ދިވެހި ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދިނުން ކަމަށްވާތީ، ދުނިޔޭގެ ނަންމަޝްހޫރު ފާމަސޫޓިކަލް ކުންފުނިތަކާއެކު ސީދާ ގުޅުން ގާއިމުކުރުމަކީ އެ ކުންފުނިން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ. އެސްޓްރަޒެނިކާއަކީ ބޭސް އުފެއްދުމުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ބޮޑު ކުންފުންޏަކަށްވާއިރު، މި ފެށުނު މަސައްކަތުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ފެންވަރު ރަނގަޅު ބޭސްތައް އެއްވެސް ދަތިކަމެއްނެތި ލިބުމަށް މަގުފަހިވެގެންދާނެއެވެ.

ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ޤަރާރަކުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އުފެއްދެވި ކުންފުންޏެކެވެ. މީގެ ކުރިން އެސްޓީއޯގެ ދަށުން ހިންގަމުން އައި ހުރިހާ ފާމަސީތަކާއި މުވައްޒަފުން މިދިޔަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވަނީ މި ކުންފުނީގެ ދަށަށް ރަސްމީކޮށް ބަދަލުކުރެވިފައެވެ.

މި އައު ކުންފުނީގެ މަސައްކަތްތައް ހަރުދަނާކޮށް، ބައިނަލްއަޤުވާމީ ފެންވަރުގެ ކުންފުނިތަކާއެކު މަޝްވަރާ ކުރަން ފެށުމަކީ ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިމަގަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.