އއ. އުކުޅަހުގައި 5 ޓަނުގެ އައިސް ޕްލާންޓެއް ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން ބަޔަކާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސުލްޖުމްހޫރިއްޔާ އުކުޅަހަށް ކުރެއްވި މި ދަތުރުފުޅަކީ "ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް" (ސިޑްސް-އެސް.އޭ.އައި) ސިމްޕޯޒިއަމް ނިންމުމަށާއި، "އިންޓޮސާއީ ޑިވެލޮޕްމެންޓް އިނީޝިއޭޓިވް" (އައި.ޑީ.އައި) ގްލޯބަލް ސަމިޓް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްގެ އިސްވެރިންނެވެ. އުކުޅަހުގެ އައިސް ޕްލާންޓް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޅެހި ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ. ފަސް މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަޝްރޫޢަކީ ރާއްޖޭގައި ފަރުމަސްވެރިކަމަށް ޚާއްޞަކޮށްގެން ތަރައްޤީކުރާ ފުރަތަމަ އައިސް ޕްލާންޓެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި އަހަރުގެ ތެރޭގައި ފަރުމަސްވެރިކަމަށް ޚާއްޞަ އިތުރު 5 އައިސް ޕްލާންޓެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކުރުމަށް ވަނީ ރޭވިފައެވެ. މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭނެ އިންތިޒާމުތައް ފަހިކޮށްދިނުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެކެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 5 ރަށެއްގައި އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ގއ. ދެއްވަދޫގައި ޤާއިމްކުރި 25 ޓަނުގެ އައިސް ޕްލާންޓުގެ އިތުރުން ށ. ފުނަދޫ، މީދޫ، ދ. ބަނޑިދޫ އަދި ގއ. ގެމަނަފުށީގައި ޤާއިމްކުރި 30 ޓަނުގެ އައިސް ޕްލާންޓުތައް ހިމެނެއެވެ.
މީގެ އިތުރުން، ރާއްޖޭގެ އިތުރު 15 ރަށެއްގައި އައިސް ޕްލާންޓް ޤާއިމްކުރުމުގެ މަސައްކަތް ބާރުމިނުގައި ދަނީ ކުރިއަށެވެ. މީގެ ތެރޭގައި ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ބ. ކުޑަރިކިލި، ލ. ހިތަދޫ އަދި ލ. މާވަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އިތުރުން، ގއ. ނިލަންދޫ، ކޮމަންޑޫ، ގއ. ވިލިނގިލި، ގއ. ދާންދޫ، މ. މުލަށް، ދ. ހުޅުދެލި، ހދ. ކުޅުދުއްފުށި، ކ. ގާފަރު، ހއ. ދިއްދޫ، އއ. ރަސްދޫ އަދި ގދ. ރަތަފަންދޫގައި 30 ޓަނުގެ އައިސް ޕްލާންޓްތަކެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
މަސްވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކުރުމަށްޓަކައި، މި އަހަރު ނިމުމުގެ ކުރިން މ. ވޭވަށުގައި 60 ޓަނުގެ އައިސް ޕްލާންޓެއް އަދި ލ. މާބައިދޫގައި 60 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ބިނާކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. އަދި ޅ. ނައިފަރުގެ އައިސް ޕްލާންޓާއި ފެލިވަރުގެ ކޯލްޑް ސްޓޯރޭޖްގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.