MTCC

އުކުޅަހު 50 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް ފަށައިފި

f812299a2bc282bf84b45c4483bdb3cf-876x583

އުކުޅަހު 50 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް ފަށައިފި

SHARE

އއ. އުކުޅަހަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން އެ ރަށުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު އުކުޅަހަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން، މި މަޝްރޫއުގެ މަސައްކަތް ފަށްޓަވައިދެއްވީ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ. މި ރަސްމިއްޔާތުގައި އުކުޅަހު ކައުންސިލްގެ ރައީސްގެ އިތުރުން، މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވާ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫއަކީ މީގެ 11 މަސް ކުރިން ރައީސް ޑރ. މުއިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދެކެވެ. އެ ދަތުރުފުޅުގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ އުކުޅަހުން 250 ގޯތި ދޫކުރެވޭ ގޮތަށް އެ ރަށުގެ ލޭންޑް ޔޫސް ޕްލޭން އިސްލާހުކޮށް، 50 ހައުސިންގ ޔުނިޓްގެ މަސައްކަތް ބަޔަކާ ހަވާލުކުރައްވާނެކަން އިއުލާން ކުރައްވާފައެވެ. ރައީސް އޭރު ވިދާޅުވެފައިވަނީ މި މަޝްރޫއުތަކާއެކު ރަށުގެ ބޯހިޔާވެހިކަމުގެ ތަކުލީފުތަކަށް ނިމުމެއް އަންނާނެ ކަމަށެވެ.

ގާތްގަނޑަކަށް 1،185 މީހުންގެ އާބާދީއެއް އޮންނަ އުކުޅަހަކީ ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަމާއި މަސްވެރިކަން ކުރަމުންދާ ރަށެކެވެ. ޚާއްސަކޮށް ގެސްޓްހައުސް ވިޔަފާރީގައި ނަމޫނާ ރަށަކަށް އުކުޅަސް ވެފައިވާއިރު، އަލަށް ފެށުނު ހައުސިންގ މަޝްރޫއުގެ ސަބަބުން ރައްޔިތުންގެ އިޖުތިމާއީ އަދި އިގްތިސާދީ ދިރިއުޅުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

ބޯހިޔާވެހިކަމުގެ މައްސަލައަކީ މުޅި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށްވާއިރު، ސަރުކާރުން ދަނީ މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުގައިވެސް މިފަދަ މަޝްރޫއުތައް ހަލުވިކަމާއެކު ކުރިއަށް ގެންދަމުންނެވެ.