MTCC

ރަސްފަންނުގައި އެމްޕީއެލް އިން ތަރައްގީކުރި ފާޚާނާބަރި ސަރުކާރާ ހަވާލުކޮށްފި

759642115-910999154837591-7459129213941277189-n-768x512

ރަސްފަންނުގައި އެމްޕީއެލް އިން ތަރައްގީކުރި ފާޚާނާބަރި ސަރުކާރާ ހަވާލުކޮށްފި

SHARE

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އިޖުތިމާއީ ޒިންމާގެ ދަށުން މާފަންނު ރަސްފަންނުގައި ތަރައްގީކުރި ފާޚާނާބަރީގެ މަސައްކަތް ނިންމައި، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި އިއްޔެ ހަވީރު ރަސްފަންނު ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެމްޕީއެލްގެ ފަރާތުން މި ފާޚާނާބަރި ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރު މުހައްމަދު މުއީނެވެ. ސަރުކާރުގެ ފަރާތުން މި ތަނާ ހަވާލުވެވަޑައިގަތީ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދެވެ.

އެމްޕީއެލް އިން މައުލޫމާތު ދެއްވި ގޮތުގައި، މިއީ އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާގެ އެދިލެއްވުމަށް އެމްޕީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއުގެ ހުރިހާ ފަރުމާއެއް އެމްޕީއެލްގެ ޕްރޮޖެކްޓް ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާއިރު، އަމަލީ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ އެ ކުންފުނީގެ ފެސިލިޓީ ޑިޕާޓްމަންޓުގެ މުވައްޒަފުންނެވެ.

ރަސްފަންނަށް ޒިޔާރަތްކުރާ އާންމުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ބިނާކުރި މި ފާޚާނާބަރީގައި ދެ ފާޚާނާއާއި ފެންވަރާ ސަރަހައްދެއް ހިމެނެއެވެ. މި ތަން ފަރުމާކޮށްފައި ވަނީ ވީލްޗެއާ ބޭނުންކުރާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި، ހުރިހާ އުމުރެއްގެ މީހުންނަށްވެސް އެއްވެސް ދަތިކަމެއް ނެތި ފަސޭހައިން ބޭނުންކުރެވޭނެ ފަދަ ގޮތަކަށެވެ.

އެމްޕީއެލްއިން ބުނީ، ރައްޔިތުންނަށް ފައިދާހުރި އަދި ދިރިއުޅުމަށް ލުއިފަސޭހަކަން ލިބިގެންދާނެ މިފަދަ އިޖުތިމާއީ މަސައްކަތްތަކުގައި ބައިވެރިވުމަކީ އެ ކުންފުނިން އަބަދުވެސް ނުހަނު އިސްކަންދޭ ކަމެއް ކަމަށެވެ.