MTCC

މިއަހަރު އޭޕްރީލްގެ ނިޔަލަށް ޕްރައިވެޓް ހޮސްޕިޓަލްތަކަށް އެންސްޕާއިން 8 މިލިއަން ރުފިޔާ ދައްކައިފި

images (2)

މިއަހަރު އޭޕްރީލްގެ ނިޔަލަށް ޕްރައިވެޓް ހޮސްޕިޓަލްތަކަށް އެންސްޕާއިން 8 މިލިއަން ރުފިޔާ ދައްކައިފި

SHARE

މިއަހަރުގެ އޭޕްރީލް މަހު ރާއްޖޭގެ އަމިއްލަ ދެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދި ބަލިމީހުންގެ ބޭސްފަރުވާއަށް 8 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަރުކާރުން ހަރަދުކޮށްފިއެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އޭޑީކޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލުން ހިދުމަތް ހޯދި ފަރާތްތަކަށް ޖުމްލަ 8.2 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިއީ އާސަންދައިގެ ދަށުން ކަވަރުނުކުރެވޭ ބައިތަކަށާއި، އަމިއްލަ ތަނަވަސްކަން ނެތް ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ދޫކޮށްފައިވާ ފައިސާއެވެ.

އޭޑީކޭ ހޮސްޕިޓަލް

އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދި 189 ބަލިމީހަކަށް 3.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މި ހޮސްޕިޓަލުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކަރުންމަތީގެ ބަލިތަކަށް ފަރުވާ ހޯދި 23 މީހަކަށެވެ. އެއީ ގާތްގަނޑަކަށް 6 ލައްކަ ރުފިޔާއެވެ. މީގެ އިތުރުން ކަށީގެ ބަލިތަކަށް ފަރުވާ ހޯދި 27 މީހަކަށް 5.5 ލައްކަ ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ޓްރީޓޮޕް ހޮސްޕިޓަލް

މި ހޮސްޕިޓަލުން ފަރުވާ ހޯދި 294 މީހަކަށް 4.6 މިލިއަން ރުފިޔާ އެންސްޕާއިން ވަނީ ދައްކައިދީފައެވެ. މި ހޮސްޕިޓަލުން އެންމެ ބޮޑު ހޭދައެއް ހިނގާފައިވަނީ ކަށީގެ ބަލިތަކަށެވެ. އެގޮތުން 51 މީހަކަށް 1.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި ވިހެއުމާ ގުޅުންހުރި ކަންކަމުގައި އެހީތެރިކަން ހޯދި 40 ފަރާތަކަށް 6 ލައްކައަށް ވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ބޭސްފަރުވާގެ ހަރަދުތަކަށް ބޮޑު ހޭދައެއް ކުރަމުންދާއިރު، ދައުލަތުން ދަނީ އާސަންދަ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ލިބޭނެ ގޮތަށް ނިޒާމު މުރާޖައާ ކުރަމުންނެވެ. މީގެ އިތުރުން، އަމިއްލަ ހޮސްޕިޓަލްތަކަށް ކުރަންޖެހޭ ބަރޯސާ ކުޑަކުރުމަށްޓަކައި ސަރުކާރުގެ ހޮސްޕިޓަލްތަކުގެ ފެންވަރު މަތިކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށް ގެންދަމުންނެވެ.