މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްގީކޮށް، އަލަށް ހުޅުވި ސަރަހައްދު ރީތިކުރުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ބާޒާރުމަތީ ސަރަހައްދުގައި ދިވެހި ރުއް އިންދައި އެ ސަރަހައްދު ޒީނަތްތެރިކޮށްފިއެވެ.
މި މަސައްކަތަކީ އަލަށް ހަދައި ތާރުއެޅު ބޮޑުތަކުރުފާނު މަގުގެ ފެހިކަން އިތުރުކޮށް މަގު ޒީނަތްތެރިކުރުމުގެ ގޮތުން ކުރާ މަސައްކަތެކެވެ. މި މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށެވެ. އަދި މިހާރު މި މަސައްކަތް ވަނީ ނޯތް ހާބަރާ ހަމައަށް ފުޅާކޮށްފައެވެ.
މި ހަރަކާތަކީ އެމްޓީސީސީގެ ބެލުމުގެ ދަށުން ކުރިޔަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތުގައި، ބޮޑުތަކުރުފާނު މަގުގެ އަރިމަތީގައި ދިވެހި ރުކުގެ އިތުރުން މަގޫ ގަހާއި ހިޔާދޭ އެކި ބާވަތްތަކުގެ ގަސްތައް އިންދަމުންދެއެވެ. މީގެ ކުރިން މާލޭގެ މަގުތައް ހަދާއިރު ބޮޑެތި ގަސްތައް ނަގާ މައްސަލައިގައި އާންމުންގެ ޝަކުވާ އޮތް ނަމަވެސް، މިފަހަރުގެ މަޝްރޫއުގައި ދިވެހި ރުއް އިންދުމަށް ހާއްސަ އިސްކަމެއް ދީފައިވާތީ ގިނަ ބަޔަކު ދަނީ އެކަން ފާހަގަކޮށް ތައުރީފު ކުރަމުންނެވެ.
މިއީ މާލޭ ފަޅުން ބައެއް ހިއްކައިގެން، ހަތަރު ލޭނަށް ދުއްވޭ ގޮތަށް ފަރުމާކޮށްފައިވާ މަޝްރޫއެކެވެ. މިހާތަނަށް ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތް ހާބަރާ ހަމައަށް ތާރު އަޅައި ނިންމާފައިވާއިރު، މަޝްރޫއުގެ ދެން އޮތް ބައިގެ ދަށުން އެމްޕީއެލް އިން ފެށިގެން ސުނާމީ ބިނާއާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެއެވެ.
މަގު ހެދުމުގެ މި މަސައްކަތުގެ ތެރެއިން، މާލޭގެ ޕާކިންގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ފަޅު ހިއްކައިގެން 500 ސައިކަލް ޕާކުކުރެވޭނެ ބޮޑު ޖާގައެއްވެސް މިހާރު ވަނީ ތަރައްގީކޮށްފައެވެ.