MTCC

އިސްލާމީ ކަންކަމާ ގުޅޭ 81 މަޝްރޫއެއްގެ މަސައްކަތް ކުރިޔަށް އެބަދޭ: ޝަހީމް

large_1785825057172G6Q

އިސްލާމީ ކަންކަމާ ގުޅޭ 81 މަޝްރޫއެއްގެ މަސައްކަތް ކުރިޔަށް އެބަދޭ: ޝަހީމް

SHARE

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ދީނާ ގުޅުންހުރި 81 މަޝްރޫއެއްގެ މަސައްކަތް މިހާރުވެސް ހިނގަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އިސްލާމީ މަރުކަޒުތަކާއި، މިސްކިތްތަކާއި އަދި ވަގުފު އިމާރާތްތައް ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަރަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މަސައްކަތްތަކެއް ކަމަށެވެ. އެގޮތުން މި ސަރުކާރުން އަލަށް ފެށި މަޝްރޫއުތަކުގެ އިތުރުން، ކުރީ ސަރުކާރުން ފަށައި ނުނިމި ހުރި މަޝްރޫއުތަކަށްވެސް މިހާރު ދިރުން ގެނެސްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ޝަހީމް ވިދާޅުވި ގޮތުގައި، މިއީ ރާއްޖޭގެ ތާރީޚުގައިވެސް މިހާ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ ދާއިރާއިން އެންމެ ގިނަ މަޝްރޫއުތައް ކުރިއަށްދާ ފުރަތަމަ ފަހަރެވެ. ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއި، ހަނގުރާމަތަކުގެ ސަބަބުން ކުރިމަތިވާ އިގްތިސާދީ ގޮންޖެހުންތަކާ އެކުވެސް، ސަރުކާރުގެ އަމާޒަކީ ހުރިހާ މަޝްރޫއުތަކެއް ކަނޑައެޅިފައިވާ މުއްދަތަށް ނިންމާލުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މި ގޮންޖެހުންތަކާއެކުވެސް އަޅުގަނޑުމެން މިދަނީ މަޝްރޫއުތައް ނިންމަމުން. މިދިޔަ ރޯދަމަހާ ދިމާކޮށްވެސް ގާތްގަނޑަކަށް 20 މިސްކިތް ހުޅުވައި ބޭނުންކުރަން ފެށުނު. މީގެ ތެރޭގައި ކުރީ ސަރުކާރުން ފަށާފައި ހުއްޓިފައި ހުރި ތަންތަންވެސް ހިމެނޭ،" ވަޒީރު ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ފެށި ބައެއް މަޝްރޫއުތައް ލަސްވާން މެދުވެރިވި ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން ޑރ. ޝަހީމް ވިދާޅުވީ، ރިޔާސީ އިންތިޚާބާ ދިމާކޮށް ބަޖެޓުގައި ފައިސާ ނުހިމަނައި ގިނަ މަޝްރޫއުތަކެއް ފަށާފައިވާ ކަމަށެވެ. އަދި ބައެއް މަސައްކަތްތައް އެކަމުގެ ގާބިލުކަން ނެތް ކުންފުނިތަކާ ހަވާލުކޮށްފައި އޮތުމަކީވެސް މަސައްކަތްތައް ލަސްވާން މެދުވެރިވި ސަބަބެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ދަންނަވާނީ މިއީ ކުރު މުއްދަތެއްގެ ތެރޭގައި ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ތަންފީޒުކުރެވެމުންދާ މުއްދަތޭ މިއީ،" ޝަހީމް ވިދާޅުވިއެވެ.

މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެފަދަ ހުރިހާ ހުރަސްތަކެއް ގިރާކޮށް، ދީނީ ކަންކަމަށް ރައްޔިތުން ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށްދިނުމަށް ކަމަށްވެސް ވަޒީރު ޝަހީމް މިއަދުގެ މަޖިލީހުގައި ވިދާޅުވިއެވެ.