މާލޭގެ މައި މަގުތަކުގެ ތެރެއިން އެންމެ ބާރުބޮޑު އެއް މަގު ކަމަށްވާ އަމީނީމަގު މަރާމާތުކުރުމުގެ ބޮޑު މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ފަށައިފިއެވެ.
މި މަޝްރޫއަކީ އަމީނީމަގުގެ ބައެއް ސަރަހައްދުތަކުން ތާރުގަނޑު އުފުލި، މަގު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ތަކްލީފުތަކެއް ކުރިމަތިވަމުންދާތީ، މިހާރުގެ ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަސައްކަތަށް ބޭނުންވާ މެޝިނަރީތައް ރޭގެ ވަގުތެއްގައި ސައިޓަށް ގެންގޮސްފައިވާއިރު، މިއަދު ފަށާފައިވަނީ ފުރަތަމަ ސެގްމަންޓުގައި ކުރިން އަޅާފައިވާ ތާރުގަނޑު ނެގުމުގެ މަސައްކަތެވެ.
މި ފިޔަވަހީގެ ދަށުން މަރާމާތު ކުރަނީ އިއްޒުއްދީން މަގުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައިވާ ޕާކާ ހަމައަށެވެ. އެމްޓީސީސީން ބުނި ގޮތުގައި، މި މަޝްރޫއުގެ ތެރެއިން މަގު މަރާމާތު ކުރުމުގެ އިތުރުން، ބަސް ހުއްޓިތައް ހިމެނޭ ސަރަހައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ޒަމާނީ ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ.
އަމީނީމަގު މަރާމާތުކުރަން ޖެހުނީ، މިދިޔަ ސަރުކާރުން 84.4 މިލިއަން ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއުގެ މަސައްކަތް ނިމުނުތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި މަގުގެ ހުޅަނގު ފަރާތުގެ ބޮޑު ސަރަހައްދެއް ހަލާކުވުމާ ގުޅިގެންނެވެ. ފަންނީ މާހިރުން ފާހަގަކުރާ ގޮތުގައި މަގު ހަލާކުވާން މެދުވެރިވީ ތާރު އެޅުމަށްފަހު އެކަށީގެންވާ ވަރަށް ނުހިކެނީސް ބަރު ބަސްތަކާއި އުޅަނދުތަކަށް މަގު ހުޅުވާލުމުންނެވެ.
މަގުގެ މަސައްކަތް ފެށުމާ ގުޅިގެން، އެ ސަރަހައްދު މިހާރު ވަނީ އާންމު ދަތުރުފަތުރަށް ބަންދުކޮށްފައެވެ. މީގެ ސަބަބުން އާރްޓީއެލް ބަހުގެ ހިދުމަތަށް ވަނީ ބައެއް ބަދަލުތައް ގެނެސްފައެވެ:
- ރޫޓް-10 (އޯކިޑް ރޫޓް): ދަތުރުތައް ފަށާނީ އަދި ނިންމާނީ ވެސްޓް ޕާކް ބަސް ސްޓޮޕަށެވެ. މީގެ އިތުރުން ސޯޝަލް ސެންޓަރާއި އައިޖީއެމްއެޗް އަދި ދަރުމަވަންތަ ބަސް ހުއްޓިއަށް މި ރޫޓުގެ ބަސްތައް މަޑެއް ނުކުރާނެއެވެ.
- ރޫޓް-11 (އަމީނީމަގު ރޫޓް): ފުރަތަމަ ސެގްމަންޓުގެ މަސައްކަތް ނިމެންދެން މި ރޫޓުގެ ހިދުމަތް ވަނީ މެދުކަނޑާލާފައެވެ.
- ރޫޓް-1، 3، 7 އަދި 15: މާލޭގައި މި ރޫޓުތަކުގެ އެންމެ ފަހު މަންޒިލަކީ މާފަންނު ބަސް ޓާމިނަލެވެ.
އެމްޓީސީސީން މަސައްކަތް ކުރަމުންދަނީ ވީއެންމެ އަވަހަކަށް މި މަސައްކަތް ނިންމައި، އާންމު ދަތުރުފަތުރަށް މަގު ހުޅުވާލުމަށެވެ. މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.