މާލޭގެ އަމީނީ މަގުގެ ހުޅަނގު ފަރާތުން ހަލާކުވެފައިވާ ސަރަޙައްދުތައް މަރާމާތުކުރުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށާފައިވާތީ އެކުންފުނިން ފޯރުކޮށްދެމުން އަންނަ މުދާ ފެރީގެ ހިދުމަތް ހެންވޭރު ފެރީ ޓާމިނަލަށް ބަދަލުކޮށްފިއެވެ.
އަމީނީ މަގުގެ މަސައްކަތް ކުރިއަށްދާތީ، އަމީނީ މަގު ބަންދުކުރުމާ ގުޅިގެން އެމްޓީސީސީން ފޯރުކޮށްދޭ ޚިދުމަތްތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން އަމީނީ މަގުގެ ފުރަތަމަ ސެގްމަންޓުގެ މަސައްކަތް އެއްކޮށް ނިމެންދެން، ގްރޭޓާ މާލެ ސަރަހައްދުގައި އެ ކުންފުނިން ފޯރުކޮށްދޭ މުދާ ފެރީގެ ޚިދުމަތް މިހާރު ވަނީ ހެންވޭރު ފެރީ ޓާމިނަލަށް ބަދަލުކޮށްފައެވެ.
އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ކުރިން އަޅާފައި އޮތް ތާރުގަނޑު ނެގުމުގެ މަސައްކަތެވެ. މަގު މަރާމާތު ކުރުމުގެ އިތުރުން، ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ވެސް އެމްޓީސީސީން ވަނީ ނިންމާފައެވެ.
މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ދިވެހިރާއްޖޭގެ އަޑު ކުރިމަތިން އޮންނަ އިއްޒުއްދީން މަގުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައި އޮންނަ ޕާކާ ހަމައަށް މިހާރު ވަނީ އާންމު ދަތުރުފަތުރަށް ބަންދުކޮށްފައެވެ. މި ބަދަލާ ގުޅިގެން އާރްޓީއެލް ބަހުގެ ޚިދުމަތަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ރޫޓް-11 ގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލާފައިވާއިރު، ރޫޓް-10 ގެ ދަތުރުތައް ނިންމާނީ ވެސްޓް ޕާކު ބަސް ސްޓޮޕަށެވެ.
ޚިދުމަތްތަކަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޓީސީސީން ވަނީ މާފަށް އެދިފައެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުއްވުމަށް އެމްޓީސީސީން އިލްތިމާސްކުރެއެވެ.