MTCC

ދިވެހި އަދި އިސްލާމް މާއްދާއަށް ޚާއްސަ "ދަނަތު" ލާނިން ޕްލެޓްފޯމް އިފްތިތާޙްކޮށްފި

DSC04669 (1).jpg

ދިވެހި އަދި އިސްލާމް މާއްދާއަށް ޚާއްސަ "ދަނަތު" ލާނިން ޕްލެޓްފޯމް އިފްތިތާޙްކޮށްފި

SHARE

ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުން އެސް.އެސް.ސީ އަދި އެޗް.އެސް.އެސް.ސީ އިމްތިޙާނުތަކަށް ތައްޔާރުވުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި އުފެއްދި "ދަނަތު ލާރނިންގ" ޕްލެޓްފޯމް މިއަދު ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.

ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަންގެ ލިލީ ހޯލުގައި ބޭއްވުނު މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޙަސަން ޝާކިރު ޢަލީއެވެ. މި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ސްކޫލް ޕްރިންސިޕަލުންނާއި، މުދައްރިސުންނާއި، ބެލެނިވެރިން އަދި ދަރިވަރުން ބައިވެރިވިއެވެ.

ރާއްޖޭގެ ގައުމީ މަންހަޖަށް ބިނާކޮށް އުފައްދާފައިވާ "ދަނަތު" ޕްލެޓްފޯމަކީ ދިވެހި އަދި އިސްލާމް މާއްދާގެ ފިލާވަޅުތަކާއި އިމްތިޙާނު ކަރުދާސްތައް އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ޑިޖިޓަލް ވަސީލަތެކެވެ. މީގެ ކުރިން ދަރިވަރުންނަށް ދިމާވަމުން އައި ތަރުތީބެއް ނެތް މައުލޫމާތުތައް ހޯދުމުގެ ދަތިކަމަށް މި ޕްލެޓްފޯމުން ނިމުން ގެނެސްދޭނެއެވެ.

މި ޕްލެޓްފޯމް މެދުވެރިކޮށް މުދައްރިސުންނަށް ވަރަށް ކުރު ވަގުތުކޮޅެއްގެ ތެރޭގައި މަތީ ފެންވަރުގެ އިމްތިޙާނު ކަރުދާސްތައް ތައްޔާރުކުރެވޭނެއެވެ. މީގެ އިތުރުން، ބެލެނިވެރިން އަމިއްލަ ޓިއުޝަންތަކަށް ކުރަންޖެހޭ ބޮޑު ހޭދަ ކުޑަކުރުމަށްޓަކައި، މި ޕްލެޓްފޯމަކީ އަގުހެޔޮ އަދި ފަސޭހަ ބަދަލެކެވެ.

  • ޕޭޕަރ ޖެނެރޭޝަން: މުދައްރިސުންނަށް ފަސޭހައިން އިމްތިޙާނު ކަރުދާސް އުފެއްދުމާއި ބަދަލުތައް ގެނައުމުގެ ފުރުސަތު.
  • މޮކް އެގްޒާމް: އަސްލު އިމްތިޙާނުގެ މާހައުލާ އެއްގޮތަށް ވަގުތު ކަނޑައަޅައިގެން ޕޭޕަރު ހެދުމުގެ ފުރުސަތު.
  • ޕްރޮގްރެސް ޑޭޝްބޯޑް: ދަރިވަރުންގެ ކުރިއެރުން ދެނެގަނެވޭނެ ޚާއްޞަ ނިޒާމެއް.
  • ޓޮޕިކް ބޭސްޑް ޕްރެކްޓިސް: ކޮންމެ ފިލާވަޅަކަށް ވަކިވަކިން ސުވާލުތައް ފަރިތަކުރުމުގެ ފުރުސަތު.

"ދަނަތު" ގެ ފަހަތުގައި ތިބީ ތައުލީމީ ގޮތުން ފާހަގަކޮށްލެވޭ ޒުވާން ޓީމެކެވެ. މި ޕްރޮޖެކްޓް އިސްކޮށް ހިންގަވަނީ ސީ.އީ.އޯ މުޙައްމަދު ޝަޔާން ޝިޒާން އެވެ. ޝަޔާންއަކީ ސީ.އެޗް.އެސް.އީ ހުޅުމާލޭގެ ކުރީގެ ސްކޫލް ކެޕްޓަންގެ އިތުރުން، އޭލެވެލް އިމްތިޙާނުގެ ދިވެހި އަދި އިސްލާމް މާއްދާއިން އޭ-ސްޓާ ހޯދައިގެން ގައުމީ ގަދަ 10 އެއްގައި ހިމެނިފައިވާ ދަރިވަރެކެވެ. މި ޓީމުގައި ސީ.އެމް.އޯ ޢަލީ ދާނިޝް ޢަބްދުالله އާއި، މަދުވެގެން 5 އަހަރުގެ ތަޖުރިބާ ހުރި 6 މުދައްރިސުންގެ ޓީމެއް ހިމެނެއެވެ.

މި ޕްލެޓްފޯމްގެ ދިވެހި އަދި އިސްލާމް ކޮންޓެންޓް ތައްޔާރުކޮށްފައިވަނީ ގައުމީ މަންހަޖަށް ރިއާޔަތްކޮށް ކަމާބެހޭ މާހިރުންގެ ބެލުމުގެ ދަށުންނެވެ. އަދި މިހާރު މި ތަކެތި ވަނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އަށް ރިވިއު ކުރުމަށް ހުށަހެޅިފައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރަފުވެރި މެހެމާން ޙަސަން ޝާކިރު ޢަލީ ވިދާޅުވީ، ދިވެހި ބަހާއި އިސްލާމްދީން ދެމެހެއްޓުމަށްޓަކައި މިފަދަ ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ.

މިއަދުން ފެށިގެން www.dhanathu.com މެދުވެރިކޮށް މި ޕްލެޓްފޯމް ބަލާލުމުގެ ފުރުސަތު ދަރިވަރުންނަށާއި މުދައްރިސުންނަށް ވަނީ ހުޅުވާލެވިފައެވެ.