ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ޓްރާންޝިޕްމަންޓް ކާގޯ އުފުލުމުގައި ނިމިދިޔަ ޖުލައި މަހަކީ ތާރީޚީ ކާމިޔާބީއެއް ހާސިލުކުރި މަހެއްގެ ގޮތުގައި ކަނޑައެޅިއްޖެއެވެ.
މިކަމާ ގުޅޭގޮތުން އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކުރި ގޮތުގައި، ޖުލައި މަހުގެ ތެރޭގައި ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު ވަނީ 2،000 ޓަނަށްވުރެ އިތުރުވެފައެވެ. މިއީ އެއް މަސް ދުވަހުގެ ތެރޭގައި ވީއައިއޭ މެދުވެރިކޮށް މިހާ ގިނަ އަދަދަކަށް މުދާ ބޭރުކުރި ފުރަތަމަ ފަހަރެވެ.
މި ރެކޯޑް މިންވަރަށް މުދާ އުފުލާފައިވަނީ "ސީ-ޓު-އެއަރ" (ކަނޑުމަގުން ގެނެސް ވައިގެ މަގުން ފޮނުވުން) އަދި "އެއަރ-ޓު-އެއަރ" (ވައިގެ މަގުން ގެނެސް ވައިގެ މަގުން ފޮނުވުން) އޮޕަރޭޝަންތައް މެދުވެރިކޮށެވެ. މީގެ ކުރިން ވީއައިއޭ އިން ހާސިލުކޮށްފައިވާ ހުރިހާ ރެކޯޑުތަކެއް މި ކާމިޔާބީއާއެކު ވަނީ މުގުރާލާފައެވެ.
ޚާއްސަގޮތެއްގައި "ސީ-ޓު-އެއަރ" ޚިދުމަތަށް ބަލާއިރު، މިދިޔަ މަހު ވަނީ 621 ޓަނުގެ މުދާ އުފުލާފައެވެ. މިއީ މި ޚިދުމަތް ރާއްޖޭގައި ތަޢާރަފުކުރި ފަހުން އެއް މަސް ދުވަހުގެ ތެރޭގައި އެންމެ ގިނަ މުދާ އުފުލި ފަހަރެވެ.
އެމްއޭސީއެލުން ބުނާ ގޮތުގައި މި ނަތީޖާއިން ދޭހަވަނީ އޭޝިއާ އާއި ޔޫރަޕް އަދި ދުނިޔޭގެ އެހެން ބޮޑެތި ބާޒާރުތައް ގުޅުވައިދޭ ހިންދު ކަނޑުގެ މުހިންމު ލޮޖިސްޓިކްސް މަރުކަޒެއްގެ ގޮތުގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ބާރުމިނުގައި ތަރައްޤީވަމުން އަންނަ ކަމެވެ.
ސަރުކާރުން އިޤްތިސާދު ސިންދަފާތު ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ދަށުން، ރާއްޖެއަކީ ބައިނަލްއަޤްވާމީ ލޮޖިސްޓިކް ހަބަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން އެއާޕޯޓުގެ ކާގޯ ޚިދުމަތްތައް ހަރުދަނާކޮށް، ވަސީލަތްތައް އިތުރުކުރުމަށް ދަނީ އިސްކަންދެމުންނެވެ