MTCC

ބޮޑުތަކުރުފާނު މަގުގައި ފެންބޮޑުވަނީ ޕަމްޕު ސްޓޭޝަންތަކުގެ މަސައްކަތް ނުނިމޭތީ: އެމްޓީސީސީ

HN6JtLrbcAAsgKR

ބޮޑުތަކުރުފާނު މަގުގައި ފެންބޮޑުވަނީ ޕަމްޕު ސްޓޭޝަންތަކުގެ މަސައްކަތް ނުނިމޭތީ: އެމްޓީސީސީ

SHARE

މާލޭގެ ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދުގައި ފެންބޮޑުވާ މައްސަލައަކީ އެ ސަރަހައްދުގައި ގާއިމުކުރަންޖެހޭ ޕަމްޕު ސްޓޭޝަންތަކުގެ މަސައްކަތް މުޅިން ނުނިމޭތީ ދިމާވާ މައްސަލައެއް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި ދުވަސްވަރު މާލެއަށް ކުރަމުންދާ ވިއްސާރައިގައި ބޮޑުތަކުރުފާނު މަގުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، އާންމުންނަށް ދަތިތަކާ ކުރިމަތިވަމުންދާތީ އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، އެ މަގު އާންމު ދަތުރުފަތުރަށް ހުޅުވާލިއިރުވެސް ފުރިހަމަކުރަންޖެހޭ ބައެއް އިތުރު މަސައްކަތްތައް ހުރިކަން ކުރިންވެސް އަންގާފައިވާނެ ކަމަށެވެ. މީގެ ތެރޭގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މަގުގައި ފެންބޮޑުވުން ހުއްޓުވުމަށް ބަހައްޓަންޖެހޭ ޕަމްޕު ސްޓޭޝަންތަކުގެ މަސައްކަތެވެ.

އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި ބޮޑުތަކުރުފާނު މަގުގެ ފެން ހިންދުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ޖުމްލަ ތިން ޕަމްޕު ސްޓޭޝަން ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް މި ޕަމްޕުތައް ބަހައްޓައި، ޓެސްޓުކޮށް، އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ނިމޭނީ އަންނަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ކުރިންނެވެ. މަސައްކަތް މުޅިން ނިމި، ޕަމްޕުތައް ހިދުމަތަށް ނެރެވެންދެން މާލެއަށް ކުރާ ވިއްސާރައިގައި އެ މަގުގައި ފެންބޮޑުވާނަމަ، އެމްޓީސީސީގެ ޓީމުތަކުން ނުކުމެ ފެން ހިންދުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.

މި މަޝްރޫއަކީ މާލޭގެ މަގުތަކުގެ ހާލަތު ރަނގަޅުކޮށް، ވިއްސާރަ މޫސުމުގައި ކުރިމަތިވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.