MTCC

އަންނަ އަހަރުގެ ނޮވެންބަރު 11 އަށް މާލޭ ޕޯޓު 80 އިންސައްތަ މަސައްކަތް ތިލަފުއްޓަށް ބަދަލުކުރަނީ

Maldives

އަންނަ އަހަރުގެ ނޮވެންބަރު 11 އަށް މާލޭ ޕޯޓު 80 އިންސައްތަ މަސައްކަތް ތިލަފުއްޓަށް ބަދަލުކުރަނީ

SHARE

މާލޭގެ ވިޔަފާރި ބަނދަރު، ޖާގަ ތަނަވަސް އަދި ޒަމާނީ ވަސީލަތްތަކާއެކު 80 އިންސައްތަ މަސައްކަތް ތިލަފުއްޓަށް ބަދަލުކޮށް، އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު އޮޕަރޭޝަނަށް ގެންނަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ރައީސް ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރުގެ މަސައްކަތްތަކުގެ 80 އިންސައްތަ ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމަށެވެ. އަދި ބާކީ ހުރި މަސައްކަތްތައް ކުރިއަށްދާނީ މާލޭގެ ހުޅަނގު ދެކުނުން، ތިލަމާލޭ ބްރިޖު ނިމޭ ހިސާބުގައި އޮންނަ އިންޑަސްޓްރިއަލް ވިލެޖުގައެވެ. މި ބަދަލާއެކު، ކޮޅުވެއްޓި ނުވަތަ ރޯރޯ ފެރީ މެދުވެރިކޮށް ކޮންޓެއިނަރު އުފުލުމުގެ މަސައްކަތް ކުރިއަށްދާނީ މާލޭގެ އެތެރޭގެ ޓްރެފިކަށް ދަތިނުވާނެ ފަދަ އިންތިޒާމެއްގެ ދަށުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ތިލަފުއްޓަށް މި ބަދަލުވަނީ މުޅި އޮޕަރޭޝަންގެ ބޮޑުބައި. ގާތްގަނޑަކަށް 80 އިންސައްތަ މަސައްކަތް ބަދަލުވާނެ. ދެން މާލެ ކޮޅު ބްރިޖް ގޮސް ނިމެނީ އިންޑަސްޓްރިއަލް ވިލެޖަށް. ދެން އިންޑަސްޓްރިއަލް ވިލެޖުގެ އެއް ބައި މިކަނޑައަޅަނީ ޕޯޓުގެ ދެން ހުރި މަސައްކަތްތަކަށް،" ރައީސް ވިދާޅުވިއެވެ.

ތިލަފުށީގައި ތަރައްޤީކުރާ މި ޕޯޓަކީ "ސްޓޭޓް އޮފް ދި އާޓް" ނުވަތަ އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ ތަނަކަށް ވާއިރު، މުޅި ނިޒާމު ބިނާވެފައި އޮންނާނީ ޑިޖިޓަލައިޒްޑް ވަސީލަތްތަކުގެ މައްޗަށެވެ. މީގެ އިތުރުން، އަމިއްލަ ވިޔަފާރިވެރިންނަށް ޚާއްޞަ އިނާޔަތްތަކެއް ދީގެން، ތިލަފުއްޓާއި މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ފިހާރަތައް ހުޅުވުމުގެ ފުރުޞަތު ފަހިކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މާލޭގެ އުމްރާނީ ތަރައްޤީއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މާލޭގެ މަގުތައް ހެދުމުގެ މަޝްރޫޢު ނިމޭއިރު، ފަސިންޖަރުން އުފުލާ އުޅަނދުފަހަރަށް ބޮޑެތި ލުއިތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން، ލޯންޗުފަހަރު ކައިރިކުރާ ސަރަޙައްދުގައި އިތުރު ފިންގަރ ޖެޓީތައް ޤާއިމުކުރެވޭނެއެވެ. މި މަސައްކަތް ކުރިއަށްދާނީ މާލޭގެ ރިންގް ރޯޑުގެ އެމް.ޕީ.އެލް ސަރަޙައްދުން ފެށިގެން ސުނާމީ ބިނާއާ ހަމައަށް އޮތް ބައި ތަރައްޤީކުރުމާ އެކުއެކީގައެވެ.

"އެއިރުން ހުރިހާ ލޯންޗްތައް އައިސް ސީދާ ޖެޓީއަށް ފޭބޭނެ، މިހާރު ލޯންޗަކަށް ފަހު ލޯންޗެއް ކައިރި ކުރަމުން، އެއް ލޯންޗުން އަނެއް ލޯންޗަށް އަރަމުން ކަހަލަ ގޮތަކަށް ގޮސް އެއްގަަމަށް މި އެެރެނީ، ގާތްގަނޑަކަށް ހުރިހާ ލޯންޗަކަށް ސީދާ އެއްގަމަށް ކައިރި ކުރެވޭ ކަހަލަ ގޮތަކަށް އެއިރުން ވެގެން ދާނީ،".ރައީސް ވިދާޅުވިއެވެ.

މި ޕޮޑްކާސްޓުގައި ރައީސް ވަނީ މިނިވަން ދުވަހުގެ ޚިޠާބާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކަށްވެސް ޖަވާބު ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ބިނާކުރަނިވި ފާޑުކިޔުންތަކަށް އަބަދުވެސް މަރުޙަބާ ވިދާޅުވާ ކަމަށާއި، މިނިވަން ދުވަހުގެ ވާހަކަފުޅުގައި މާޒީގެ ކަންކަމާއި، މިހާރު ކުރަމުންދާ އިޞްލާޙީ މަސައްކަތްތަކުގެ އިތުރުން މުސްތަޤުބަލުގެ ޕްލޭންތައް ސާފުކޮށްދެއްވާފައިވާނެ ކަމަށެވެ. ޚާއްސަކޮށް ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވީ ޤައުމުގެ މިނިވަންކަމާ އެކަން ގުޅިފައިވާ މިންވަރު ބޮޑުވުމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކޮރަޕްޝަނާއި އިޖުތިމާޢީ މައްސަލަތައް ހައްލުކުރަން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ރަނގަޅު ނަތީޖާ މިހާރުވެސް ތަފާސްހިސާބުތަކުން ފެންނަން ފަށާފައިވެއެވެ. މި ހުރިހާ މަސައްކަތެއްވެސް ކުރައްވަމުން ގެންދަވަނީ ޤައުމު އިސްލާހުކުރުމުގެ އިޚުލާޞްތެރި ނިޔަތުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.