ގައުމުގެ އިޤްތިސާދީ އަދި ފަންނިއްޔާތުގެ ކުރިއެރުންތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން އިންސާނުންނަށް އަނިޔާވެރިވުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނުދިނުމަށްޓަކައި، މުޖުތަމަޢުގެ ހުރިހާ ފަންތިއަކުން އަބަދުމެ ސަމާލުވެ ތިބުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.
އިންސާނީ ވަގުފާރިއާ ދެކޮޅަށް ފާހަގަކުރާ ބައިނަލްއަޤުވާމީ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި މެސެޖުގައި ރައީސް ވިދާޅުވީ، ޖަމްޢިއްޔާތަކާއި، ވަޒީފާދޭ ފަރާތްތަކާއި، ޤާނޫނު ތަންފީޒުކުރާ މުއައްސަސާތަކުގެ އިތުރުން ހުރިހާ ރައްޔިތުންވެސް މިކަމުގައި ހޭލުންތެރިވާންޖެހޭ ކަމަށެވެ. އަދި އިންސާނީ ކަރާމާތާއި އަސާސީ ޙައްޤުތައް ޙިމާޔަތްކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ކުރާ މަސައްކަތުގައި ރާއްޖެ ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މި އަހަރުގެ ޝިއާރު ކަމަށްވާ "ޓްރެޕްޑް ބިހައިންޑް ދަ ސްކޭމް" އަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ޒަމާނީ ފަންނިއްޔާތުގެ ބޭނުންކޮށްގެން ހިންގާ ސްކޭމްތަކުގެ މަޅީގައި ޖައްސައިގެން އިންސާނުން ލައްވައި މަޖުބޫރުން ކުށްތަކަށް އަރައިގަތުމަކީ މުޅި ސަރަޙައްދަށްވެސް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ.
ރާއްޖޭގައި އުޅޭ ކޮންމެ މީހެއްގެ ޙައްޤުތައް ރައްކާތެރިކުރުމަށް ސަރުކާރުން އިސްކަންދޭކަން ފާހަގަކުރައްވައި، މިކަމަށްޓަކައި އަޅާފައިވާ މުހިންމު ފިޔަވަޅުތަކެއް ރައީސް ބަޔާންކުރެއްވިއެވެ. އޭގެ ތެރޭގައި:
- ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ހިންގާ "އޮޕަރޭޝަން ކުރަނގި" ވަރުގަދަކުރުން.
- މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގައުމީ އެކްޝަން ޕްލޭން އެކުލަވައިލުން.
- އަނިޔާލިބޭ މީހުންނަށް އެހީވާން "މައިގްރެންޓް ވަރކަރސް ރިސޯސް ސެންޓަރު" ފަދަ ވަސީލަތްތައް ޤާއިމުކުރުން.
- "މޯލްޑިވްސް އެންޓި-ހިއުމަން ޓްރެފިކިންގ ސްޓްރެޓީޖިކް ޕްލޭން 2026-2029″ އިފްތިތާޙުކުރުން.
ރައީސް އިތުރަށް ވިދާޅުވީ، މި ހުރިހާ އިސްލާޙުތަކެއްގެ މައިގަނޑު މަޤްސަދަކީ ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކަށް އެހީތެރިކަން ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމާއި، ކުށްވެރިން ޖަވާބުދާރީކުރުވުން ކަމަށެވެ.
ހަމައެއާއެކު ރައީސް ވަނީ، އިންސާނީ ކަރާމާތަކީ އުނިކަމެއް އަތުވެގެންވާނެ އެއްޗެއް ނޫންކަން ކަށަވަރުކުރުމަށާއި، ކޮންމެ މީހަކަށްމެ އިޙްތިރާމާއި ޤަދަރާއެކު މުޢާމަލާތްކުރެވޭނެ ފަދަ އިންޞާފުވެރި މުޖުތަމަޢެއް ބިނާކުރުމަށް އެންމެހައި މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން މަސައްކަތްކުރުމަށް ޢަޒުމް އާކުރުމަށް ގޮވާލައްވާފައެވެ.