ދެކުނު އިރުމަތީ އޭޝިއާގެ މުހިންމު ބާޒާރެއް ކަމަށްވާ ކެމްބޯޑިއާގެ މުދާ، ވެލާނާ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު (ވީ.އައި.އޭ) މެދުވެރިކޮށް ފުރަތަމަ ފަހަރަށް ޔޫރަޕަށް ފޮނުވާލައިފިއެވެ.
މި ޝިޕްމަންޓަކީ ކަނޑުމަގުން ރާއްޖެއަށް ގެނައުމަށްފަހު، ވައިގެ މަގުން މަންޒިލަށް ފޮނުވާލެވޭ "ސީ-ޓު-އެއަރ" މޮޑެލްގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. ކެމްބޯޑިއާއިން ކަނޑުމަގުން ރާއްޖެއަށް ގެނައި މި މުދާތައް، ވީ.އައި.އޭ މެދުވެރިކޮށް ވައިގެ މަގުން ފޮނުވާލާފައިވަނީ ފްރާންސްގެ ލީލް އަށެވެ.
މީގެ ކުރިން ރާއްޖޭގެ މި ޚިދުމަތް ބޭނުންކުރަމުން އައީ މައިގަނޑު ގޮތެއްގައި ބަންގްލަދޭޝް، އިންޑިއާ އަދި ސްރީލަންކާގެ ވިޔަފާރިވެރިންނެވެ. ނަމަވެސް، ކެމްބޯޑިއާ ފަދަ އޭޝިއާގެ ދުރު ސަރަޙައްދުތަކުން މިހާރު ރާއްޖޭގެ މަގު އިޚްތިޔާރުކުރަން ފެށުމަކީ، ވެލާނާ އެއަރޕޯޓުގެ ކާގޯ ހޭންޑްލިންގްގެ ފެންވަރާއި އިތުބާރު ބޮޑުވަމުންދާ ކަމުގެ ހެއްކެކެވެ.
"ސީ-ޓު-އެއަރ" ޚިދުމަތަކީ ހަމައެކަނި ވައިގެ މަގުން މުދާ ފޮނުވުމަށްވުރެ ޚަރަދު ކުޑަ، އަދި ކަނޑުމަގުން އެކަނި ފޮނުވުމަށްވުރެ މާ އަވަސް ނިޒާމެކެވެ. އެހެންކަމުން، މި ނިޒާމަކީ ދުނިޔޭގެ ސަޕްލައި ޗެއިންގައި ވަގުތާއި ފައިސާ ސަލާމަތްކުރުމަށް އޮތް އެންމެ ފުރިހަމަ އެއް ހައްލެވެ.
މި ކާމިޔާބީއާއެކު، ހިންދު ކަނޑުގެ މެދުގައި އޮތް ރާއްޖެއަކީ އޭޝިއާއާއި ޔޫރަޕް ގުޅުވައިދޭ މުހިންމު ލޮޖިސްޓިކް މަރުކަޒަކަށް ވެގެންދާނެއެވެ. މިއީ ސަރުކާރުން އިޤްތިސާދީ ދާއިރާ ފުޅާކޮށް، އެއަރޕޯޓުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ގެންގުޅުއްވާ ސިޔާސަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.