މިއަހަރުގެ ދެވަނަ ކުއާޓަރުގައި ރަސްމީ ކުންފުނި، ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ.
އެސްޓީއޯއިން އިއްޔެ އާންމުކުރި 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން، މި މުއްދަތުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 6.98 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 27 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.
އާމްދަނީ މިހާ ބޮޑަށް އިތުރުވި މައިގަނޑު ސަބަބަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމެވެ. އެސްޓީއޯއިން ބުނި ގޮތުގައި ތެލުގެ އަގު މަތިވުމާ ގުޅިގެން އާމްދަނީ އިތުރުވި ނަމަވެސް، ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ކޮންޓްރޯލް ކުރުމަށް ސަރުކާރާއި އެސްޓީއޯއިން ކުރި މަސައްކަތުގެ ސަބަބުން ތެލުގެ ވިޔަފާރިން ލިބުނު ޖުމްލަ ފައިދާ ވަނީ ދަށްވެފައެވެ.
އެސްޓީއޯއިން އިތުރަށް ބުނީ، ރައްޔިތުންނަށް ފޯރުކޮށްދޭ ތެލުގެ އަގުތައް ނިސްބަތުން މަތިނުކޮށް ހިފެހެއްޓުމުގެ ސަބަބުން ތެލުގެ މާޖިން ކުޑަވި ނަމަވެސް، ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު ފައިދާ އިތުރުވުމުން ޖުމްލަ ފައިދާއަށް ކުރި އަސަރު ކުޑަކުރެވުނު ކަމަށެވެ. އެގޮތުން މި ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި 757 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މާލީ ހިސާބުތައް ދައްކާގޮތުން، އިދާރީ ހިންގުމާއި ފައިނޭންސް ކުރުމުގެ ހަރަދުތައް ހަރުދަނާކޮށް މެނޭޖްކުރުމުގެ ނަތީޖާއެއްގެ ގޮތުން، ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 335 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ލިބުނު 280 މިލިއަން ރުފިޔާއަކީ ފުރަތަމަ ކުއާޓަރުގައި ލިބުނު 276 މިލިއަން ރުފިޔާއާ އަޅާބަލާއިރު 1.2 އިންސައްތައިގެ ކުރިއެރުމެކެވެ.
އެސްޓީއޯއަކީ ރާއްޖޭގެ ކާބޯތަކެއްޗާއި ތެލުގެ ސަލާމަތްތެރިކަން ކަށަވަރުކޮށްދޭ މައި ކުންފުނި ކަމަށްވާއިރު، ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކުން ރައްޔިތުން ސަލާމަތްކުރުމަށް ސަރުކާރާ ގުޅިގެން ގިނަ މަސައްކަތްތަކެއް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.