MTCC

އަމީނީ މަގުގެ ތާރުގެ ފެންވަރު ބެލުމަށް ސާވޭއެއް ހަދައިފި

757545954_1476597181162947_1152783888430609001_n

އަމީނީ މަގުގެ ތާރުގެ ފެންވަރު ބެލުމަށް ސާވޭއެއް ހަދައިފި

SHARE

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް މަރާމާތުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "މާލެ ރޯޑް ޕްރޮޖެކްޓް" ގެ ދަށުން، އަމީނީ މަގުގެ ތާރުގަނޑުގެ ފެންވަރު ދެނެގަތުމަށްޓަކައި ޚާއްޞަ ސާވޭއެއް މިއަދު ފަށައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސާވޭ ޓީމުން އިއްޔެ ކުރިއަށް ގެންގޮސްފައިވަނީ މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ "ޕްރީ-ކޮންސްޓްރަކްޝަން" ސާވޭގެ މަސައްކަތްތަކެވެ. މިގޮތުން، މަގުގެ ފަސްގަނޑާއި މިހާރު އަޅާފައިވާ ތާރުގެ ފެންވަރު ބެލުމަށްޓަކައި "ކޯ ކަޓިން" ނުވަތަ ތާރުގަނޑުން ބައެއް ކޮނެގެން ނަގައިގެން ޓެސްޓުކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

އަމީނީ މަގުގެ އެންމެ ފަހު ސެގްމަންޓްތަކުގައި ތާރު އަޅައި ނިންމާލީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން، ކުރީގެ ސަރުކާރުގެ ދުވަސްވަރުގައެވެ.

މީނީ މަގުގައި ތާރުއަޅައި ހެދުމުގެ މަސައްކަތް ނިންމައި ބޭނުން ކުރަން ފެށިތާ މާގިނަ އަހަރުތަކެއް ނުވެ، އެމަގުގައި ބޮޑެތި އަޑިގުޑަންތައް ހެދި، ދުއްވާ މީހުންނަށް ބޮޑު ތަކުލީފުތަކެއް ވަނީ ވެފައެވެ. ހާއްސަކޮށް އެ މަގުގެ މާފަންނާއިވީ ދިމާލުން ފުޑްކޯޓު ސަރަހައްދުގެ މަގު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އެގޮތުން އަމީނީ މަގުގެ ހުޅަނގު ފަރާތުން، ހާބަރު ފުޑްކޯޓު ހިމެނޭ ސަރަހައްދުގެ ތާރުގަނޑު ވަނީ ދުއްވާ އެއްޗެއްސަށް ނުރައްކާވާ މިންވަރަށް ހަލާކުވެފައެވެ. މަގުގެ އެކި ހިސާބުތަކުން ތާރުގަނޑު މުލިހިތަކެއްހެން އުފުލި، "ރާޅުބާނި" ތަކެއްގެ ސިފަ ޖެހިފައިވުމުގެ ސަބަބުން ދަތުރުފަތުރު ކުރާ އާންމުންނަށް ބޮޑެތި ތަކުލީފުތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. މި މައްސަލައާ ގުޅިގެން އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާތާ މިހާރު ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ.

އެމްޓީސީސީން ހާމަކުރި ގޮތުގައި، އަންނަ ހަފުތާގެ ތެރޭގައި އަމީނީ މަގުގެ ހަލާކުވެފައިވާ ތާރުގަނޑު ނަގައި، އެ ސަރަހައްދުގައި އަލުން ތާރުއެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ.

މި މަޝްރޫއަކީ މާލޭގެ މައި މަގުތައް ކަމަށްވާ އަމީނީ މަގާއި، އިއްޒުއްދީން މަގު އަދި ބޮޑުތަކުރުފާނު މަގުގެ ފެންވަރު މަތިކޮށް، ދަތުރުފަތުރު ކުރުމަށް ރައްކާތެރި އަދި ލުއިފަސޭހަ މަގުތަކަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ.