މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން "ކާބޯތަކެތީގެ އިންސްޕެކްޓަރުންގެ ގަވާއިދު" އާންމުކޮށް، އަމަލުކުރަން ފަށައި، އުސޫލާ ޚިލާފުވާ އިންސްޕެކްޓަރުން އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ނިންމައިފިއެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން އެކުލަވައިލި މި ގަވާއިދުގެ ދަށުން، މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވާ ނުވަތަ ކަނޑައެޅިފައިވާ ސުލޫކީ މިންގަނޑާ ހިލާފުވާ އިންސްޕެކްޓަރުން އެއް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ.
މި އާ ގަވާއިދުގެ މައިގަނޑު މަގުސަދަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަރަކާތްތެރިވާ އިންސްޕެކްޓަރުން އައްޔަނުކުރާނެ އުސޫލުތައް ކަނޑައަޅައި، އެ ފަރާތްތަކަށް ލިބިގެންވާ ގާނޫނީ ބާރުތަކާއި އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތައް ސާފުކޮށް ބަޔާންކުރުމެވެ. މީގެ އިތުރުން، އިންސްޕެކްޓަރުންގެ މަސައްކަތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން މޮނިޓަރުކޮށް، ފިޔަވަޅު އެޅޭނެ މަގު މި ގަވާއިދުން ފަހިވެގެންދާނެއެވެ.
ގަވާއިދުގައިވާ ގޮތުން، ކާބޯތަކެތި އުފައްދާ، ރައްކާކުރާ އަދި ވިއްކާ ތަންތަން ބަލައި ފާސްކުރުމުގެ ފުޅާ އިޚްތިޔާރުތަކެއް އިންސްޕެކްޓަރުންނަށް ވަނީ ދީފައެވެ. އެގޮތުން، ދުރާލައި އެންގުމަކާ ނުލައި ވިޔަފާރިކުރާ ތަންތަނަށް ވަނުމާއި، ސާމްޕަލް ނަގައި ޓެސްޓުކުރުމާއި، ރެކޯޑުތައް ބެލުމުގެ ބާރު ލިބެއެވެ. އަދި އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ކާބޯތަކެތި ހިފެހެއްޓުމާއި ނައްތައިލުމުގެ ބާރުވެސް އޮންނާނެއެވެ. ނަމަވެސް، އަމިއްލަ ގެދޮރު ފާސްކުރުމުގައި ކޯޓު އަމުރެއް ނުވަތަ ވެރިފަރާތުގެ ހުއްދަ ބޭނުންވާނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.
އިންސްޕެކްޓަރުންގެ ސުލޫކީ މިންގަނޑާ ހިލާފުވާ ހާލަތްތަކުގައި އަޅާނެ ފިޔަވަޅުތައްވެސް ގަވާއިދުގައި ވަނީ ތަފްސީލުކޮށްފައެވެ. ކުށުގެ ރެކޯޑަށް ބަލައި ޖޫރިމަނާ ކުރާނެ މިންގަނޑުތަކަކީ:
- ފުރަތަމަ ފަހަރު: 5,000 ރުފިޔާ.
- ދެވަނަ ފަހަރު: 10,000 ރުފިޔާ.
- ތިންވަނަ ފަހަރު: 25,000 ރުފިޔާ.
- ހަތަރުވަނަ ފަހަރު: 50,000 ރުފިޔާ.
- ފަސްވަނަ ފަހަރުން ފެށިގެން: 100,000 ރުފިޔާ.
މީގެ އިތުރުން، އިންސްޕެކްޓަރުންނަކީ މަސްލަހަތު ފުށުއަރާ ކަންކަމުން ދުރުހެލިވާންޖެހޭ ބައެއް ކަމަށް ބަޔާންކޮށްފައިވެއެވެ. ކާބޯތަކެތީގެ ވިޔަފާރީގައި ބައިވެރިވުމާއި، ހަދިޔާ ނުވަތަ ރިޝްވަތު ހިފުމާއި، ރިޕޯޓުތަކުގައި ދޮގު މައުލޫމާތު ހިމެނުމަކީ ކަނޑައެޅިގެން މަނާކަމެކެވެ.
އިންސްޕެކްޓަރެއްގެ މަސައްކަތާމެދު ނުވަތަ ނިންމުމަކާމެދު ޝަކުވާއެއް އޮތްނަމަ، 15 ދުވަހުގެ ތެރޭގައި އެމްއެފްޑީއޭއަށް ޝަކުވާ ހުށަހެޅުމުން، 30 ދުވަހުގެ ތެރޭގައި އެކަމަށް ޖަވާބެއް ދޭންޖެހޭނެ ކަމަށްވެސް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.