MTCC

ނިޝާން އިއްޒުއްދީންގެ ލަގަބު ހަތަރު ބޭފުޅަކަށް އަރުވައިފި

b_202607261130361785047436.0812

ނިޝާން އިއްޒުއްދީންގެ ލަގަބު ހަތަރު ބޭފުޅަކަށް އަރުވައިފި

SHARE

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި، ދިވެހި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ ހަތަރު ބޭފުޅަކަށް "ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު" (ނ.އ.އ.ވ) ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މ

މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި މި ޝަރަފު އަރުވާފައިވަނީ ޑރ. މުހައްމަދު ލަތީފް، އިބްރާހިމް ރަޝީދު މޫސާ، ޗަމްޕާ ހުސެން އަފީފް އަދި ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އަށެވެ.

ޑރ. މުހައްމަދު ލަތީފް

ދައުލަތަށް 40 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ޑރ. ލަތީފަކީ ރާއްޖޭގެ ތައުލީމީ ދާއިރާ ބައްޓަންކުރުމުގެ މޭސްތިރިއެކެވެ. އެޑިއުކޭޝަން މިނިސްޓަރުކަން ވެސް ކުރެއްވި ލަތީފަކީ ރާއްޖޭގެ ފުރަތަމަ ކޮލެޖް އުފެއްދެވުމާއި، މުގައްރަރުތައް އެކުލަވާލުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން، އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުގެ ގޮތުގައި ހާރިޖީ ދާއިރާއިންނާއި، ސިވިލް ސާވިސް ކޮމިޝަން އުފެއްދެވުމުގައި އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅު ފާހަގަކޮށްލެވެއެވެ.

އިބްރާހިމް ރަޝީދު މޫސާ

ދިވެހި އަދަބިއްޔާތާއި އިސްލާމީ އިލްމު ފެތުރުމުގެ ދާއިރާއިން 43 އަހަރު ހިދުމަތް ކުރައްވާފައިވާ އިބްރާހިމް ރަޝީދު މޫސާއަކީ މައުހަދުލް ދިރާސާތިލް އިސްލާމިއްޔާ ހިންގެވުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. "މުހައްމަދު ރަސޫލުﷲ" ސިލްސިލާ ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމުގެ އިތުރުން، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ދާއިރާއިންނާއި ނޫސްވެރިކަމުގެ ދާއިރާއިން އެތައް ގައުމީ އިނާމެއް އޭނާ ވަނީ ހާސިލްކުރައްވާފައެވެ.

ޗަމްޕާ ހުސެން އަފީފް

ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ ކަމަށްވާ ހުސެން އަފީފަކީ އިގުތިސޯދީ އަދި އިޖުތިމާއީ ގޮތުން ގައުމަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިދެއްވި ބޭފުޅެކެވެ. ދުނިޔޭގެ އެންމެ ފުރަތަމަ "ސޯލާ ރިސޯޓު" އުފެއްދެވުމުގެ ޝަރަފު އޮތް އަފީފަކީ މަޓީ އުފެއްދެވުމުގައި ވެސް އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އޭނާއަށް މީގެ ކުރިން ނިޝާން މުލީގޭ އިއްޒަތުގެ ވެރިޔާގެ ލަގަބު ވެސް ވަނީ އަރުވާފައެވެ.

ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)

ފަތުރުވެރިކަމުގެ އިތުރުން ދަނޑުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކުރައްވަމުންދާ މުހައްމަދު މޫސާއަކީ އަމިއްލަ ޓީވީ އަދި ރޭޑިއޯ ޗެނަލްތައް މެދުވެރިކޮށް މުނިފޫހިފިލުވުމުގެ ދާއިރާއަށް ވެސް އިންގިލާބީ ބަދަލުތަކެއް ގެންނެވި ބޭފުޅެކެވެ. ދަނޑުވެރިކަން ކުރިއެރުވުމަށް ގިނަ ބަޔަކު ތަމްރީނުކުރައްވާފައިވާ އުއްޗު ވަނީ ފަތުރުވެރިކަމުގެ ރަންޔޫބީލްގެ ގޯލްޑް އެވޯޑާއި، ސާޓާގެ "ފޭސް އޮފް ސައުތު އޭޝިއާ" އެވޯޑު ވެސް ހާސިލްކުރައްވާފައެވެ.
ނިޝާން އިއްޒުއްދީނުގެ އިއްޒަތަކީ، ދިވެހި ދައުލަތުން އަރުވާ އެންމެ މަތިވެރި އެއް ޝަރަފެވެ. މި ލަގަބު ނިސްބަތްވަނީ ރާއްޖޭގެ މިނިވަންކަމުގެ ބަތަލު އައްސުލްތާނުލްޣާޒީ ހަސަން އިއްޒުއްދީން (ދޮންބަންޑާރައިން) އަށެވެ.