ކާބަފައިން ފުރާނައިން ގުރުބާންވެގެން ހޯދައިދެއްވި ގައުމީ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަކީ، މިއަދުގެ ޖީލުގެ ކޮނޑުގައި އެޅިފައިވާ އެންމެ މުހިންމު އަދި އެންމެ ބަރުދަން ހުރި ވާޖިބު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށްޓަކައި އެކި ޒަމާންތަކުގައި ދިވެހި ބަތަލުން ވެވަޑައިގަތް މަތިވެރި ގުރުބާނީތަކަކީ އަބަދުވެސް ހަނދާންކުރަންޖެހޭނެ ފަޚުރުވެރި ޒިކުރާތަކެއް ކަމަށެވެ. މި ފުރުސަތުގައި އެ މަނިކުފާނު ވަނީ އެ ބަތަލުންގެ ހަނދާންތައް އާކުރައްވައި، އެ ފަރާތްތަކަށް ހެޔޮ ދުއާ ފޮނުއްވާފައެވެ.
ގައުމީ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ފާހަގަކުރެއްވީ، ގައުމީ ލޯބި އިސްކުރުމާއި، ޒުވާނުންގެ ކިބައިގައި ހުރި ގާބިލުކަން ތަރައްގީކުރުމަކީ މި ދަނޑިވަޅުގައި ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ. މީގެ އިތުރުން، އަމިއްލަވަންތަކަމާ މެދު ފަހުރުވެރިވުމާއި، މުޖުތަމައުގެ ބަދަހިކަމާއި އެކުވެރިކަން ދެމެހެއްޓުމަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ކުރިއަށް ދިއުމަށް އޮތް އެންމެ ވަރުގަދަ ބިންގާ ކަމުގައިވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވެފައި ވަނީ، މިނިވަން ދުވަހުގެ މުނާސަބަތުގައި މި މަތިވެރި ސިފަތަކުން ނަމޫނާ ލިބިގަނެ، މިނިވަންކަމާއެކު ގައުމާއިގެން ކުރިއަށް ދިއުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސްކުރައްވާ ކަމަށެވެ. އަދި ކާމިޔާބީގެ ހިނިތުންވުން ލިބޭނީ ހިންމަތާއެކު މަސައްކަތްކުރާ މީހުންނަށް ކަންވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، 77 އަހަރު ދުވަހު އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި އޮތުމަށްފަހު، 26 ޖުލައި 1965 ގައި ރާއްޖެއަށް ފުރިހަމަ ސިޔާދަތީ މިނިވަންކަން ލިބުނު ތާރީޚެވެ. މި ތާރީޚީ މުނާސަބަތުގެ ތަހުނިޔާ ރައީސް ވަނީ ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.