MTCC

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

466533_91eaddb3-5_

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

SHARE

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ހިޒް އެކްސެލެންސީ ޑރ. ޚަލީލުއްރަޙްމާން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ، ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް، ދިވެހި ސަރުކާރުގެ ޚާއްސަ މެހުމާނެއްގެ ގޮތުގައި ރާއްޖެ ވަޑައިގެންނެވި ކަމަށްޓަކައި ޑޮކްޓަރ ޚަލީލުއްރަޙްމާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައި ޝުކުރު އަދާކުރައްވާފައެވެ.

ދެ ބޭފުޅުންގެ މެދުގައި ދެކެވުނު ވާހަކަފުޅުގައި، ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރުމާއި، ތަޢުލީމީ ދާއިރާއިން ފުރުޞަތުތައް ފަހިކުރުމުގެ އިތުރުން، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ފަރުދީ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެ ބޭފުޅުން އަލިއަޅުއްވާލެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ދެ ޤައުމުގެ މެދުގައި އޮތް އެކުވެރިކަމުގެ ރޫޙު ދަމަހައްޓައި، ދެ ޤައުމަށްވެސް ފައިދާހުރި ތަފާތު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ތައްޔާރަށް ތިއްބެވިކަން ހާމަކުރައްވަމުންނެވެ.

މި ބައްދަލުކުރެއްވުމަކީ ރާއްޖޭގެ މިނިވަން ދުވަހުގެ އުފަލުގައި ބައިވެރިވުމަށާއި، ދެ ޤައުމުގެ ސިޔާސީ އަދި އިޤްތިޞާދީ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށް މަގުފަހިވެގެންދިޔަ މުހިންމު ބައްދަލުވުމެކެވެ.