ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން، ހައުސިން ފިލްޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އޮފިޝަން އިވެންޓްސް ގުޅިގެން ބާއްވާ "ސައްބީސް ކާނިވަލް" މާދަމާ ފެށުމަށް ހަމަޖެހިއްޖެއެވެ.
މި ކާނިވަލް ކުރިއަށް ދާނީ ޖުލައި 24 އިން ފެށިގެން ޖުލައި 31 ގެ ނިޔަލަށް، ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. އަށް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ހަރަކާތްތައް ކޮންމެ ދުވަހެއްގެ ހަވީރު 04:00 އިން ރޭގަނޑު 11:00 އަށް ކުރިއަށްދާނެ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ. ހުރިހާ އުމުރުފުރާއަކާ ގުޅޭ ތަފާތު ގިނަ ހަރަކާތްތަކެއް ހިމެނޭހެން ފަރުމާކޮށްފައިވާ މި ކާނިވަލުގައި، ކާނިވަލް ގޭމްތަކާއި، ބިރުވެރި ތަޖުރިބާއެއް ކޮށްލެވޭނެ "ހޮރޯރ ހައުސް" އެއްގެ އިތުރުން، ޒުވާނުންނަށް ހާއްސަ ޑިޖިޓަލް ގޭމިންގ އެރީނާއެއް ހިމެނެއެވެ. މީގެ އިތުރުން ކުޑަކުދިންނަށް ހާއްސަ އޭރިއާއަކާއި އިންފްލޭޓަބަލްސް، ތަފާތު ކާބޯތަކެތި ލިބޭނެ ފުޑް ކިއޮސްކުތައް، ލައިވް މިއުޒިކް އަދި ބޮޑުބެރުގެ ފޯރިގަދަ ހުށަހެޅުންތައް ކާނިވަލްގެ ތެރެއިން ފެނިގެންދާނެއެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި މި ކާނިވަލް ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ މިނިވަން ދުވަހުގެ އުފާ ފާޅުކުރުމާއެކު، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމެވެ. އަދި ކުދިބޮޑު އެންމެން އެއްތަނަކަށް އެއްވެ، އާއިލާއާއި ރައްޓެހިންނާއެކު ހިތްހަމަޖެހޭ އަދި މަޖާ ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް ހުޅުމާލޭގެ ރައްޔިތުން ބައިވެރިކޮށްގެން، ޤައުމީ ފެންވަރުގެ މިފަދަ މުނާސަބަތުތައް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމެވެ. މި ކާނިވަލް ވެގެންދާނީ މިނިވަން ދުވަހުގެ ބަންދާ ދިމާކޮށް ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭނެ ވަރަށް ހާއްސަ އަދި އުފާވެރި ފުރުސަތަކަށެވެ.