MTCC

"މިނިވަން ރަން" ގައި ބައިވެރިވުމަށް ހުޅުވާލައިފި

main_20260723_134543

"މިނިވަން ރަން" ގައި ބައިވެރިވުމަށް ހުޅުވާލައިފި

SHARE

ރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ހާއްސަ "މިނިވަން ރަން" ގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފިއެވެ. މި ދުވުމަކީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖާއި "ވީ ރަން މޯލްޑިވްސް" ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

ގައުމީ އެއްބައިވަންތަކަމާއި، ގައުމީ ލޯބި އާލާކުރުމުގެ އިތުރުން ދުޅަހެޔޮ ދިރިއުޅުމަކަށް ހިތްވަރު ދިނުމުގެ މަގްސަދުގައި ބާއްވާ މި ދުވުން އޮންނާނީ މި މަހުގެ 27 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. 5 ކިލޯމީޓަރުގެ މި ދުވުމަކީ ހުރިހާ އުމުރުފުރާއެއްގެ މީހުންނަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ އިޖުތިމާއީ ހަރަކާތެކެވެ.

މި ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވުމުގެ ކަންކަން ކުރިއަށް ގެންދަންޖެހޭނީ "We Run" މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ. ރަޖިސްޓްރީވުމަށްޓަކައި ތިރީގައިވާ ފިޔަވަޅުތައް ފުރިހަމަކުރަންޖެހެއެވެ:

  • ގޫގުލް ޕްލޭ ސްޓޯރުން ނުވަތަ އެޕަލް އެޕް ސްޓޯރުން "ވީ ރަން" އެޕްލިކޭޝަން ޑައުންލޯޑްކުރުން.
  • އެޕްލިކޭޝަން ހުޅުވުމަށްފަހު "އަޕްކަމިން" ސެކްޝަނަށް ދިއުން.
  • "މިނިވަން ރަން" އިހްތިޔާރުކުރުން.
  • ޕޭޖުގެ ތިރީގައިވާ "ޖޮއިން ދިސް އިވެންޓު" އަށް ފިއްތާލުން.

މި ފިޔަވަޅުތައް ފުރިހަމަކުރުމުން ވަރަށް ފަސޭހަކަމާއެކު ރަޖިސްޓްރީވުމުގެ ކަންކަން ނިމިގެންދާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ.

މިނިސްޓްރީން ބުނެފައިވަނީ މިއީ ގައުމީ ފެންވަރުގައި ފާހަގަކުރާ މިނިވަން ދުވަހުގެ އުފަލުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިކުރުމަށް ބާއްވާ ހަރަކާތެއް ކަމަށެވެ. އެހެންކަމުން، ގައުމީ މި އުފަލުގައި ބައިވެރިވެ، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ހިތްވަރު ދިނުމުގެ ގޮތުން މި ދުވުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އެ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ރާވަމުންނެވެ.