ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ފެންވަރު މަތިކުރުމަށްޓަކައި، ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާނުތައް ދަރިވަރު ކޮލެޖަށް ފިޒިކަލްކޮށް ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް ބާ ކައުންސިލުން ހަމަޖައްސައިފިއެވެ.
ބާ ކައުންސިލުން މި ބަދަލު ގެނެސްފައިވަނީ ގާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމާއި، ގާނޫނީ ދާއިރާގެ ޑިގްރީގައި ފުރިހަމަވާންޖެހޭ އެންމެ ދަށް މިންގަނޑުތަކަށް ގެނައި އިސްލާހުގެ ދަށުންނެވެ. މި އިސްލާހުގެ ދަށުން އިމްތިހާނުތައް ހާޒިރުވެގެން ކުރިއަށް ގެންދިއުމުގެ އިތުރުން، ގާނޫނީ ދާއިރާގެ ކޯސްތައް އިނގިރޭސި ބަހުން ކިޔަވައިދޭންޖެހޭ މިންގަނޑުތަކަށް ވެސް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ.
ބާ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، މި އާ އުސޫލުތަކަށް އަމަލުކުރަން ފަށާނީ އަންނަ މަހުން ފެށިގެންނެވެ. މި ބަދަލުތައް ގެނައުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ގާނޫނީ ދާއިރާއިން ދެވޭ ތައުލީމުގެ ފެންވަރު ހިފަހައްޓައި، ވަކީލުކަމުގެ ދާއިރާއަށް ނުކުންނަ ކުދިންނަކީ ފެންވަރު ރަނގަޅު ބަޔަކަށް ހެދުމެވެ.
ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން، ރާއްޖޭގައި ގާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމަށް ބޭނުންވާ ޑިގްރީ ކޯސްތަކުގެ އެންމެ ދަށް މިންގަނޑުތައް ކަނޑައެޅުމުގެ ގާނޫނީ ބާރު ލިބިގެންވަނީ ބާ ކައުންސިލަށެވެ. މީގެ އިތުރުން، އެކި މަތީ ތައުލީމުދޭ މަރުކަޒުތަކުން ހިންގާ ގާނޫނީ ދާއިރާގެ ކޯސްތަކަށް ހުއްދަ ދިނުމާއި، އެ ކޯސްތައް އެކްރެޑިޓް ކުރުމުގެ މަސްއޫލިއްޔަތު ވެސް މަތިކޮށްފައިވަނީ އެ ކައުންސިލަށެވެ.
މި އާ ބަދަލާއެކު، ގާނޫނީ ދާއިރާގެ ކިޔެވުން އިތުރަށް ހަރުދަނާވެ، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ދަރިވަރުން ތަމްރީނުވެގެންދާނެ ކަމަށް ބާ ކައުންސިލުން އުންމީދު ކުރެއެވެ.