ރާއްޖޭގައި އެންޓިބަޔޮޓިކަށް ނުގުޑާ ނުވަތަ 'އެންޓިބަޔޮޓިކް ރެސިސްޓަންސް' މައްސަލަ ހައްލުކުރުމަށްޓަކައި، އެންޓިބަޔޮޓިކްގެ ހުރިހާ ރޭންޖެއްގެ ބޭސް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓް ފާމާ) އިން ފަށައިފިއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީ، ދުނިޔެއަށްވެސް ކުރިމަތިވެފައިވާ މި ބޮޑު ގޮންޖެހުމުން ސަލާމަތްވުމަށްޓަކައި ސިއްހީ ދާއިރާގެ ހުރިހާ ފަރާތްތަކާ ގުޅިގެން ޓެކްނިކަލް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ޑރ. ޝާހު ފާހަގަކުރެއްވި ގޮތުގައި، ވަކި ބާވަތެއްގެ އެންޓިބަޔޮޓިކަކަށް ބަލިމީހާ ރެސިސްޓަންޓް ވެއްޖެ ހާލަތެއްގައި، ދެން ބޭނުންކުރަންޖެހޭ 'ސެކަންޑް ލައިން' ބޭސްތައް ރާއްޖޭގެ ސްޓޮކްގައި ހުރުމަކީ ބަލިމީހާ އަވަހަށް ފަސޭހަވުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ބޭހުގެ މުޅި ރޭންޖު ރާއްޖޭގައި ލިބެން ހުރުމުން، ބަލިމީހުންނަށް ބޭނުންވާ ފަރުވާ އަވަސްވެ، ރެސިސްޓަންސްގެ މައްސަލަ ކުޑަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން ބޭހުގެ ދަތިކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، "އެސެންޝަލް މެޑިސިން" ލިސްޓުގައި ހިމެނޭ 1200 އެއްހާ ބޭސް މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ އިސްކަންދީފައެވެ. މީގެ އިތުރުން "އެޕްރޫވްޑް ޑްރަގް" ލިސްޓުގައި ހިމެނޭ ބޭސްތަކުގެ ތެރެއިން ޑޮކްޓަރުން އާންމުކޮށް ލިޔެދޭ ބޭސްތައް ދެނެގަނެ، އެ ލިސްޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ސްޓޭޓް ފާމާއިން ދަނީ ކުރަމުންނެވެ.
ބޭސް ލިބުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ރާއްޖެއަށް ބޭނުންވާ ބޭހުގެ މައުލޫމާތު ކުރިޔާލައި ދެނެގަނެވޭނެ 'އެންޓަޕްރައިސް ރިސޯސަސް މެނޭޖްމަންޓް' ސިސްޓަމަކާއި 'އީ-ލޮޖިސްޓިކް' ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. މި ސިސްޓަމްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
"ކުދިކުދި ރަށްރަށުގައި މިސާލަކަށް ދަންނަވާ ކަމަށްވަންޏާ ހަކުރު ބަލީގެ ކިތއް މީހުންތޯ އެރަށުގައި ދިރިއުޅެނީ، އެނގިއްޖެ ކަމަށްވަންޏާ މެދުނުކެނޑި އަޅުގަނޑުމެންނަށް ސްޓޮކް ކުރެވޭނޭ އެރަށްރަށުގައި އެބޭސް، އެބައެނގޭ އެބޭސްތައް ބޭނުންކުރާނެކަން. އެހެންވީމާ އެ ލެވެލްއަށް މަސައްކަތް ދެނެގަތުމަށްޓަކައި އަޅުގަނޑު މިދެންނެވި އިލެކްޓްރޯނިކް ސިސްޓަމް ގާއިމުކުރަމުން މިހާރު މިގެންދަނީ." ޝާހު ވިދާޅުވިއެވެ.
ޑރ. ޝާހު ވިދާޅުވީ، މިފަދަ އިލެކްޓްރޯނިކް ސިސްޓަމެއްގެ ސަބަބުން ކުދި ރަށްރަށުގައި ތިބި ބަލިމީހުންގެ އަދަދާއި އެމީހުންނަށް ބޭނުންވާ ބޭހުގެ މިންވަރު ދެނެގަނެ، މެދުކެނޑުމެއްނެތި ބޭސް ސްޓޮކް ކުރެވޭނެ މަގު ފަހިވާނެ ކަމަށެވެ. އަދި އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި މަރުކަޒުތަކުގެ ޑޮކްޓަރުންނާ މަޝްވަރާކޮށްގެން، އެ ރަށެއްގެ އާބާދީއަށް އެންމެ ބޮޑަށް ބޭނުންވާ ބޭސްތައް ދެނެގަނެ، ބޭސް އިސްރާފުވުން ކުޑަކުރުމަކީވެސް މި މަޝްރޫއުގެ މުހިންމު މަގްސަދެކެވެ.