MTCC

42 ރަށެއްގެ ފިޓްނަސް ސެންޓަރުތަކަށް ސާމާނު ހޯދަން އިންޑިއާއާއެކު އެއްބަސްވުމެއް

hnmmlnhaeaa8yzo-768x512

42 ރަށެއްގެ ފިޓްނަސް ސެންޓަރުތަކަށް ސާމާނު ހޯދަން އިންޑިއާއާއެކު އެއްބަސްވުމެއް

SHARE

ރާއްޖޭގެ 42 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމަށްޓަކައި، އިންޑިއާ ސަރުކާރުގެ އެހީގައި ހިންގާ މަޝްރޫއެއްގެ ފަހުމުނާމާގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" (އެޗްއައިސީޑީޕީ) ގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި މިއަދު މެންދުރުފަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މި ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން އެވެ. އަދި މަޝްރޫއު ތަންފީޒުކުރާ އިދާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް، އަބްދުﷲ ރާފިއު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ، ރަށްރަށުގައި މިފަދަ ސެންޓަރުތަކެއް ގާއިމުކުރުމަކީ ރައްޔިތުންގެ ސިއްހަތާއި ދުޅަހެޔޮކަމަށްޓަކައި ކުރެވޭ ވަރަށް މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ. މި މަޝްރޫއުގެ ސަބަބުން ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމަކަށް މަގުފަހިވެ، އަންހެނުން ބާރުވެރިކުރުވުމަށާއި އިޖުތިމާއީ ބައިވެރިވުން އިތުރުކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވި ގޮތުގައި، މި ފިޓްނަސް ސެންޓަރުތަކަކީ ހަމައެކަނި ކަސްރަތު ކުރާ ތަންތަނެއް ނޫނެވެ. އެއީ މުޖުތަމައުގެ އިޖުތިމާއީ ގުޅުން ބަދަހިކޮށްދޭނެ މަރުކަޒުތަކެކެވެ. މި މަޝްރޫއުގެ ސަބަބުން ހުރިހާ އުމުރުފުރައެއްގެ މީހުންނަށް، ހާއްސަކޮށް ޒުވާނުންނާއި އަންހެނުންނަށް ކުޅިވަރާއި މުނިފޫހިފިލުވުމުގެ ފުރުސަތުތައް ފުޅާވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި މަޝްރޫއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.