MTCC

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ހެދުމުގެ ފުރަތަމަ ފިޔަވަހި ނިމުމަކާ ގާތަށް

14a0c781-c890-42af-b6c2-f68eacbd6667-768x512

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ހެދުމުގެ ފުރަތަމަ ފިޔަވަހި ނިމުމަކާ ގާތަށް

SHARE

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫއުގެ ދަށުން މިހާރު އެންމެ ބާރަށް ކުރިއަށްދަނީ މަގުގެ ދެވަނަ އަދި ތިންވަނަ ސެގްމެންޓުގެ މަސައްކަތްތަކެވެ. އެގޮތުން، މަގުގެ ދަށުން އަޅަންޖެހޭ ކޭބަލް ޓްރެންޗްތައް އެޅުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ. އަދި މި ސަރަހައްދުތަކުގައި ޕާކިން ޒޯންތައް ހެދުމާއި، ދުވާރުގައި ގާ އެތުރުމުގެ މަސައްކަތްވެސް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

މީގެ އިތުރުން، މަގުގެ ނިޝާންތައް ކުރެހުމާއި، ޖަންގްޝަންތަކުގެ ޔުޓިލިޓީ ވަސީލަތްތައް މައްޗަށް އުފުލައި ހަމަޖެއްސުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުންނެވެ. އެމްޓީސީސީން ބުނި ގޮތުގައި، ކުރިއަށް އޮތް އެއް ހަފްތާގެ ތެރޭގައި މި ހުރިހާ މަސައްކަތްތަކެއް ނިންމާލެވޭނެއެވެ. މިއާއެކު، މުޅި މަޝްރޫއު ނިމުމަކާ ގާތްވެ، އާންމު ދަތުރުފަތުރަށް މަގު ހުޅުވާލުމަށް އިތުރު ފިޔަވަޅެއް ކުރިއަށް އެޅޭނެއެވެ.

މި މަޝްރޫއަކީ މާލޭގެ އުތުރު ފަރާތުގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މިދިޔަ މާޗް މަހުގެ 23 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫއުގެ ދަށުން، ނޯތު ހާބަރުން ފެށިގެން އެމްއެމްއޭއާ ހަމައަށް މިހާރު ވަނީ ތާރު އަޅައި ނިންމާފައެވެ.

ކުރިން ގާ އަތުރާފައި އޮތް މި ސަރަހައްދަކީ ގިނަ އަދަދެއްގެ އޮފީސްތަކާއި ބޭންކުތައް ހުރުމުގެ ސަބަބުން ވަރަށް ބޮޑަށް ބާރުބޮޑުވެ، މަގު ހަލާކުވުމުގެ ސަބަބުން ދުއްވާ އުޅަނދުތަކަށްވެސް ދަތިތަކާ ކުރިމަތިވަމުން ދިޔަ ސަރަހައްދެކެވެ. ނަމަވެސް މަގު ފުޅާކޮށް ތާރު އެޅުމުން މި ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

މި މަޝްރޫއުގެ ދެން އޮތް މަރުހަލާގައި މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ނޯތު ހާބަރުން ފެށިގެން ރަސްފަންނާ ދެމެދު އޮތް ސަރަހައްދުގައެވެ. މި މަސައްކަތްތައް ނިމުމުން މާލޭގެ ވަށައިގެން އޮންނަ ބޮޑުތަކުރުފާނު މަގަކީ ޒަމާނީ، ފަސޭހަ މަގަކަށް ވެގެންދާނެއެވެ.