ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޯހިޔާވަހިކަން ފުޅާކޮށް، ރައްޔިތުންނަށް އެފޯޑަބަލް ހައުސިންގް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ "ނޭޝަނަލް އެފޯޑަބަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް" ގެ ދަށުން، 13 ރަށެއްގައި 2,100 ހައުސިންގް ޔުނިޓް ތަރައްޤީކުރުމަށް ބޭނުންވާ ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއިން މިއަދު ހުޅުވާލައިފިއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން، ގްރޭޓަރ މާލެ ސަރަހައްދުން ބޭރުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ފަރުމާކޮށްފައިވާ މުހިންމު މަޝްރޫޢެކެވެ.
ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްގެ އުސޫލުން ކުރިއަށްގެންދާ މި މަޝްރޫޢުގައި ބައިވެރިވެވޭނީ ހަމައެކަނި 100 އިންސައްތަ ދިވެހި ހިއްސާ އޮންނަ ކުންފުނިތަކަށް ކަމަށް މިނިސްޓްރީން ބުނެއެވެ. މީގެ ބޭނުމަކީ ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ކުންފުނިތަކުގެ ގާބިލުކަން އިތުރުކުރުމެވެ.
މަޝްރޫޢު ކުރިއަށްދާނެ ގޮތް:މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ "ބިލްޑް-އެންޑް-ސެލް" މޮޑެލްގެ ދަށުން ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންނެވެ. މިގޮތުން މަޝްރޫޢަށް ބޭނުންވާ ފައިސާ ހޯދުމާއި، ކުރެހުންތައް ތައްޔާރުކުރުމާއި، އިމާރާތްކުރުމުގެ ހުރިހާ ޒިންމާއެއް އުފުލަންޖެހޭނީ ޑިވެލޮޕަރުންނެވެ. ސަރުކާރުގެ ފަރާތުން މި މަޝްރޫޢަށް ބޭނުންވާ ބިން ހިލޭ ފޯރުކޮށްދޭނެއެވެ.
އެއްބަސްވުމުގައި ސޮއިކޮށް ބިން ހަވާލުކުރާތާ ގިނަވެގެން 2 އަހަރު ދުވަހުގެ ތެރޭގައި ހުރިހާ މަސައްކަތެއް ނިންމަންޖެހޭނެއެވެ.
މި މަޝްރޫޢުގެ ދަށުން އިމާރާތްކުރާ ކޮންމެ އެޕާޓްމަންޓެއްގައި މަދުވެގެން 900 އަކަފޫޓު ހުންނަންޖެހޭނެ ކަމަށާއި، ކޮންމެ ޔުނިޓެއްގައި 3 ކޮޓަރި ހިމެނެންޖެހޭނެ ކަމަށް މިނިސްޓްރީން ކަނޑައަޅާފައިވެއެވެ. އަދި މީގެ ތެރެއިން 60 އިންސައްތަ ޔުނިޓް ވިއްކަންޖެހޭނީ ސޯޝަލް ހައުސިންގްގެ ގޮތުގައި 1.5 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑުނުވާނެހެންނެވެ.
މަޝްރޫޢު ހިންގާ ރަށްތައް:
- ހއ. ހޯރަފުށި
- ރ. އުނގޫފާރު
- ބ. ތުޅާދޫ
- ޅ. ނައިފަރު
- މ. މުލި
- ދ. މީދޫ
- ލ. ގަން
- ތިނަދޫ ސިޓީ
- ފުވައްމުލައް ސިޓީ
- އައްޑޫ ސިޓީ (ހިތަދޫ، ފޭދޫ، މަރަދޫފޭދޫ އަދި މަރަދޫ) ގެއެވެ.
މި މަސައްކަތަށް ދިވެހި ކުންފުނިތަކަށް ހިތްވަރު ދިނުމުގެ ގޮތުން، މަޝްރޫޢަށް ބޭނުންވާ ތަކެތި އިމާރާތްކުރުމަށް އެތެރެކުރާއިރު ޑިއުޓީ އިސްތިސްނާކޮށްދިނުމާއި، ޔުނިޓްތައް ވިއްކާއިރު ޖީ.އެސް.ޓީ ނުނަގާ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.
މި މަޝްރޫޢަށް ޝައުގުވެރިވާ ފަރާތްތަކުން މަޝްރޫޢާ ގުޅޭގޮތުން ސާފުކުރަން ބޭނުންވާ ކަންކަން އަންނަ މަހުގެ 4 ވަނަ ދުވަހުގެ ކުރިން ހުށަހަޅަންޖެހެއެވެ. އަދި ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯޒަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ މެންދުރު 1:00 އެވެ.