މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، އަލުން ބިނާކުރުމަށް ހިންގާ ބިޔަ މަޝްރޫއުގެ އަމަލީ މަސައްކަތް ލަސްވެގެން 2027 ވަނަ އަހަރުގެ ކުރީކޮޅު ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިޢުލާން ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި އެޕިސޯޑް ޚާއްސަކޮށްފައި ވަނީ މާލޭގެ މަގުތަކުގެ ޙާލަތާއި، އެކަން ހައްލުކުރުމަށް ސަރުކާރުން ގެންގުޅޭ ތަޞައްވުރުގެ މައްޗަށެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، މާލޭގެ މަގުތައް އެއްކޮށް ތަރައްޤީކުރުމުގެ މިފަދަ ބޮޑު މަޝްރޫޢެއް އެންމެ ފަހުން ހިންގާފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދައުރުގައި ކަމަށެވެ. އޭގެ ފަހުން މަގުތައް ބެލެހެއްޓުމުގައި އިހުމާލުވެފައިވާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށްގެންދާ މި މަޝްރޫޢަކީ މާލޭގެ މަގުތަކަށް ދިމާވެފައިވާ ގިނަ މައްސަލަތަކަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެ މަސައްކަތެއް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ޤާއިމުކުރެވޭނެ މުހިންމު ނިޒާމުތައް:
- ފެން ހިންދާ ނިޒާމު: ވާރޭވެހުމުން މަގުތަކުގައި ފެންބޮޑުވާ މައްސަލަ ޙައްލުކުރުމަށް ހަރުދަނާ ސްޓޯމްވޯޓަރ ޑްރައިނޭޖް ނިޒާމެއް.
- ޑީވޯޓަރިންގ ނިޒާމު: ޢިމާރާތްކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ ޚާއްޞަ ނިޒާމެއް.
- ފަޔަރ ހައިޑްރަންޓް: އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް މަގުތަކުގައި ފަޔަރ ހައިޑްރަންޓް ޤާއިމުކުރުން.
މީގެ އިތުރުން، މިހާރު ކުރިއަށްދާ ބޮޑުތަކުރުފާނު މަގުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ޢިއްޒުއްދީން ފާލަމުން ފެށިގެން ނަސަންދުރައާ ހަމައަށް ހަދާ ސަރަޙައްދު އަންނަ ހަފުތާގައި ހުޅުވޭނެ ކަމަށެވެ. މި ސަރަޙައްދުގައި 500 ސައިކަލު ޕާކުކުރެވޭނެ ޖާގަ ހުންނާނެއެވެ. އަދި މި ފިޔަވަހި ނިމުމާއެކު، އެމް.ޕީ.އެލް އިން ފެށިގެން ރަސްފަންނާ ހަމައަށް އޮތް، އެންމެ ބޮޑަށް ހަލާކުވެފައިވާ ސަރަޙައްދު މަރާމާތުކުރަން ފަށާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މާލޭގެ ތޮއްޖެހުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، މަގުތައް ހެދުމަކީ ވަގުތީ ލުޔެއް ނަމަވެސް، ދާއިމީ ޙައްލަކީ ޚިދުމަތްތަކާއި ބޯހިޔާވަހިކަން ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފެތުރުން ކަމަށެވެ. އެހެންނަމަވެސް، އާބާދީގެ ބޮޑު ބައެއް މާލޭގައި ދިރިއުޅޭތީ، މިވަގުތަށް ބޭނުންވާ ޒަރޫރީ ޙައްލުތައް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އިސްކަމެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.