MTCC

އެއް ކިއުއަށްވުރެ ގިނަ ކިއުގައި ނޯޓުކުރުން ހުއްޓާލައި އުސޫލަށް ބޮޑު ބަދަލެއް

qfsbbikksa-876x584

އެއް ކިއުއަށްވުރެ ގިނަ ކިއުގައި ނޯޓުކުރުން ހުއްޓާލައި އުސޫލަށް ބޮޑު ބަދަލެއް

SHARE

މާލޭ ނޯތު ހާބަރުން ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، އެ ބަނދަރުގެ ކިއު މެނޭޖްކުރުމުގެ އުސޫލަށް މުހިންމު އިސްލާހުތަކެއް ގެނައުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ނިންމައިފިއެވެ.

މި ބަދަލުތަކަކީ އުޅަނދުފަހަރުތަކަށް ވީހާވެސް އަވަސް އަދި ހަރުދަނާ ނިޒާމެއްގެ ތެރެއިން ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން ގެނެވޭ ބަދަލުތަކެކެވެ. މިގޮތުން ގެނެވުނު އެންމެ ބޮޑު އެއް ބަދަލަކީ، މީގެ ކުރިން އަމަލުކުރަމުން އައި ފަސް ދުވަހުގެ "ހޯލްޑް" މުއްދަތު އުވާލުމެވެ.

ކުރިން އޮންނަ އުސޫލުގެ ދަށުން، "އޭ" ޒޯން އަދި "ސީ" ޒޯންގެ ކިއުއަށް ނޯޓުކޮށްފައިވާ އުޅަނދުފަހަރު، ކިއު އިން ކެންސަލް ނުވާގޮތަށް ފަސް ދުވަހުގެ މުއްދަތަށް މަޑުޖައްސާލުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް އާ އިސްލާހާއެކު މި ފުރުސަތު މުޅިން އުވާލެވޭނެއެވެ. އެހެންނަމަވެސް، "ޕޯސްޓްޕޯން" ކުރުމުގެ ފުރުސަތު ކުރިއެކޭވެސް އެއްފަދައިން އޮންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން، އެއް އުޅަނދަކަށް އެއްފަހަރާ އެއް ކިއުއަށް ވުރެ ގިނަ ކިއުތަކުގައި ނޯޓުކުރުމަށް އޮންނަ ފުރުސަތުވެސް މި ބަދަލާއެކު ބަންދުވާނެއެވެ. މީގެ ފަހުން "އޭ" ޒޯން، އެކްސްޕްރެސް ޒޯން ނުވަތަ "ސީ" ޒޯންގެ ތެރެއިން އުޅަނދަކަށް ނޯޓު ކުރެވޭނީ އެއް ދަތުރެއްގެ ތެރޭގައި ކޮންމެވެސް އެއް ކިއުއެއްގައެވެ. މި އުސޫލުގައި "އެއް ދަތުރު" ކަމަށް ބަލާނީ، ކިއުއިން ޖާގަ ލިބި، މުދާ އަރުވައި ނިމި، ފައިސާ ދެއްކުމަށްފަހު ބަނދަރުން ފުރާ ހިސާބުންނެވެ.

މި އިސްލާހުތަކަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މިމަހު 20 ވަނަ ދުވަހުގެ ރޭ 23:59 އިން ފެށިގެންނެވެ.

މި ބަދަލުތަކަކީ ނޯތު ހާބަރުގެ ޚިދުމަތް ހޯދާ އޮޑިވެރިންގެ ފަރާތުން ލިބިފައިވާ ޚިޔާލުތަކާއި ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް ގެނެވުނު ބަދަލުތަކެކެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް އޮޑިވެރިންގެ މަސްލަހަތު ހިމެނޭ ގޮތަށް ބަނދަރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްގީކުރުމެވެ.