މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 686.8 މިލިއަން އެމެރިކާ ޑޮލަރެވެ.
މިއީ މިއަހަރުގެ މޭ މަހާ އަޅާބަލާއިރު 18.0 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ. އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު މިއީ 145.6 މިލިއަން ޑޮލަރު ނުވަތަ 17.5 އިންސައްތައިގެ ދަށްވުމެކެވެ. ރަސްމީ ރިޒާވްގެ ޖުމްލަ އަދަދު ދަށްވި ނަމަވެސް، ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް (ޔޫސަބަލް ރިޒާވް) ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ވަރުގަދަވެފައެވެ.
އެގޮތުން މި ޖޫން މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި 248.9 މިލިއަން ޑޮލަރު ހުއްޓެވެ. މިއީ 2025 ވަނަ އަހަރުގެ ޖޫން މަހު ހުރި 203.0 މިލިއަން ޑޮލަރާ އަޅާބަލާއިރު ގާތްގަނޑަކަށް 23 އިންސައްތައިގެ ކުރިއެރުމެކެވެ. ނަމަވެސް މިއީ މިއަހަރުގެ މޭ މަހާ އަޅާބަލާއިރު 11.9 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ.
ޖޫން މަހު ގްރޮސް ރިޒާވް ދަށްވި މައިގަނޑު ސަބަބަކީ ބޭރު ފައިސާއިން ކުރެވުނު ހޭދަ އިތުރުވުމެވެ. މީގެ ތެރޭގައި ބޭންކިން ނިޒާމާއި މުދާ އިމްޕޯޓްކުރާ ފަރާތްތަކުން ބޭރު ފައިސާއަށް އޮތް ޑިމާންޑް ބޮޑުވުމާ ގުޅިގެން، އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ސިޔާސަތުގެ ދަށުން ބާޒާރަށް ވިއްކި ޑޮލަރުގެ މިންވަރު 43 އިންސައްތަ އިތުރުވުން ހިމެނެއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ މާޗް މަހު ރިޒާވް 1,331.8 މިލިއަން ޑޮލަރުގައި ހުރުމަށްފަހު، މިހާތަނަށް ވަނީ ޖުމްލަ 645.0 މިލިއަން ޑޮލަރުގެ ދަށްވުމެއް އައިސްފައެވެ. މީގެ ތެރެއިން އެންމެ ބޮޑު މިންވަރެއް މަދުވެފައިވަނީ އޭޕްރީލް މަހުގެ ތެރޭގައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިގްތިސާދީ އިޞްލާޙީ ފިޔަވަޅުތައް އަޅަމުންދާއިރު، ބޭނުންކުރެވޭ ރިޒާވް މަތިވުމަކީ އިގްތިސާދީ ގޮތުން ލިބުނު ކުރިއެރުމެއްގެ ގޮތުގައި މާހިރުން ފާހަގަކުރެއެވެ.