ރައްޔިތުންނާ ވީހާވެސް ގާތުން އާސަންދައިގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ރާއްޖޭގެ އެކި އަތޮޅުތަކުގައި އާސަންދަ ކުންފުނީގެ 8 ކައުންޓަރެއް ހުޅުވައިފިއެވެ.
މި ކައުންޓަރުތައް ހުޅުވުމާއެކު، އަތޮޅުތެރޭގެ 8 ރަށެއްގައި އާސަންދަ ކުންފުނީގެ މުވައްޒަފުން ތިބެގެން، އެ ރަށަކުން އާސަންދައިގެ ޚިދުމަތްތައް ހޯދުމުގެ މަގު މިހާރު ވަނީ ފަހިވެފައެވެ. އަލަށް އާސަންދަ ކައުންޓަރުތައް ހުޅުވިފައިވާ ރަށްތަކަކީ:
- ރ. އުނގޫފާރު
- ބ. އޭދަފުށި
- ޅ. ނައިފަރު
- އދ. މަހިބަދޫ
- ދ. ކުޑަހުވަދޫ
- ލ. ގަން
- ގދ. ތިނަދޫ
- ޏ. ފުވައްމުލަކު ސިޓީ
މީގެ ކުރިން އާސަންދައިގެ ކައުންޓަރުތައް ގާއިމުކޮށް ޚިދުމަތް ދެމުން އައީ މާލެ، ހުޅުމާލެ، ފ. ނިލަންދޫގެ އިތުރުން އައްޑޫ ސިޓީ އާއި ހދ. ކުޅުދުއްފުށި ސިޓީގައެވެ.
އާސަންދަ ކުންފުނިން މަޢުލޫމާތު ދޭ ގޮތުގައި، މި އިތުރުކުރެވުނު ކައުންޓަރުތަކުގެ ސަބަބުން ބޭސްފަރުވާގެ އެހީއަށް އެދުމުގައާއި، ކުންފުންޏާ ގުޅުންހުރި އެހެނިހެން އިދާރީ ކަންކަމުގައި ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. ޚާއްޞަކޮށް، ރަށުން ބޭރަށް ނުގޮސް އާސަންދައިގެ ޚިދުމަތްތަކާ ގުޅޭ މައުލޫމާތާއި އެހީތެރިކަން ހޯދުމަށް މިކަމުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.
މިއީ ސަރުކާރުން،ސިއްހީ ހުރިހާ ޚިދުމަތްތަކަކީ ރައްޔިތުންނަށް ވީހާވެސް ގާތުން، ލުއިފަސޭހަކަމާއެކު ލިބޭނެ ޚިދުމަތްތަކަކަށް ހެއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާޑރ. މުހައްމަދު މުއިއްޒު އަމިއްލަފުޅު އިސްނެންގެވުމުގެ ދަށުން ކުރިއަށްގެންދަވާ މުހިންމު ފިޔަވަޅެކެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން، އާބަން ސެންޓަރުތައް ގާއިމުކޮށްފައިވާ ރަށްތަކުގައި އާސަންދައިގެ ކައުންޓަރުތައް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.