MTCC

ގުޅިފަޅު ގޯތީގެ ލިޔުން މިހާރު ގޭގައި ތިބެގެން ހޯދޭނެ

ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ބިންތައް ހަވާލުކުރަނީ

ގުޅިފަޅު ގޯތީގެ ލިޔުން މިހާރު ގޭގައި ތިބެގެން ހޯދޭނެ

SHARE

ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލުކުރިކަމުގެ ރަސްމީ ލިޔުން، "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް އޮންލައިންކޮށް ލިބޭނެ އިންތިޒާމު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދު ހަމަޖައްސަވައިފިއެވެ.

މީގެ ކުރިން މި ލިޔުން ހޯދުމަށްޓަކައި ގުޅިފަޅަށް ސީދާ ދާންޖެހުނު ނަމަވެސް، ސަރުކާރުން އަލަށް ގެނައި މި ބަދަލާއެކު، އީފާސް މެދުވެރިކޮށް ޕޯޓަލްއަށް ވަނުމަށްފަހު ފަސޭހަކަމާއެކު ލިޔުން ޑައުންލޯޑް ކުރެވޭނެއެވެ. މިއީ "ބިންވެރިޔާ ސްކީމް" ގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް އިދާރީ ގޮތުން ދިމާވާ ތަކުލީފުތައް ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.

މި ޑިޖިޓަލް ލިޔުމުގައި ހިމެނޭ އެންމެ ޚާއްސަ އެއް ފީޗަރ އަކީ އޭގައިވާ ކިއުއާރް ކޯޑެވެ. މި ކޯޑު ސްކޭން ކޮށްލުމުން، ގޯތި އޮތް ސަރަހައްދާއި އެ ބިމެއްގެ މިހާރުގެ ހާލަތު މެޕުން ސީދާ ފެންނަން ހުންނާނެއެވެ.

މި ޚިދުމަތް މިވަގުތު ލިބޭނީ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން އަލުން ގުރުއަތުލައި، ގޯތީގެ އައު ރަޖިސްޓްރީއާ ހަވާލުވެފައިވާ ފަރާތްތަކަށް އެކަންޏެވެ. މިނިސްޓްރީން ވިދާޅުވި ގޮތުގައި، ގޯތި ދޫކޮށްފައިވާ ބައެއް ސަރަހައްދުތަކުގައި މިހާރުވެސް މަޝްރޫޢުގެ މަސައްކަތްތައް (ވޯކް ސައިޓް) ހިނގަމުންދާތީ، އެ ސަރަހައްދުތަކުގެ މަސައްކަތް ނިމުނުހާ އަވަހަކަށް އެ ފަރާތްތަކަށްވެސް ޕޯޓަލް މެދުވެރިކޮށް ލިޔުން ލިބެން ފަށާނެއެވެ.

ސަރުކާރުން ވަނީ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން އިތުރަށް ފުރިހަމަކޮށް، ކުރީގެ ސަރުކާރުން ދޫކޮށްފައިވާ ބިންތައް އަލުން ކަނޑައަޅައި، އައު ރަޖިސްޓްރީ ދޫކުރަން ފަށާފައެވެ. މި އައު ޑިޖިޓަލް ނިޒާމުގެ ސަބަބުން ގޯތި ލިބުނު މާލޭގެ ރައްޔިތުންނަށް އެތައް ވަގުތެއް ސަލާމަތްވެ، ލުއިފަސޭހަކަން ލިބިގެންދާނެއެވެ.