MTCC

ތިލަފުށީ ބަނދަރުން އެއް ދުވަސް ތެރޭ 300 އަށްވުރެ ގިނަ ކޮންޓެއިނާ ބަރުކޮށްފި

HNGP6NXa0AAngKj

ތިލަފުށީ ބަނދަރުން އެއް ދުވަސް ތެރޭ 300 އަށްވުރެ ގިނަ ކޮންޓެއިނާ ބަރުކޮށްފި

SHARE

މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ތިލަފުށީ ބަނދަރުުގައި "އެމްވީ ސެލެސްޓިއާ" ނަމަކަށް ކިޔާ ބޯޓަށް މުދާ ބަރުކުރުމުގެ މަސައްކަތް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

އެމްޕީއެލުން ހާމަކުރިގޮތުގައި، މިދިޔަ އާދީއްތަ ދުވަހު ކުރިއަށްދިޔަ މި އޮޕަރޭޝަނުގައި އެ ބޯޓަށް ޖުމްލަ 372 ޓީއީޔޫގެ ކޮންޓެއިނަރު ބަރުކޮށްފައިވެއެވެ. މި ބޮޑު އޮޕަރޭޝަން އެމްޕީއެލްގެ މުވައްޒަފުން ނިންމާލާފައިވަނީ 24 ގަޑިއިރަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައެވެ.

އެމްޕީއެލުން ބުނީ މިއީ ބަނދަރުގެ މަސައްކަތްތައް އަވަސްކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

ތިލަފުށީ ބަނދަރުގައި ބޯޓުފަހަރު ކައިރިކޮށްގެން މުދާ ބަރުކުރުމާއި ބޭލުމުގެ ޓްރަޔަލް އޮޕަރޭޝަންތައް މިއަހަރުގެ މެއި މަހު ފެށި ފަހުން، "އެމްވީ ސެލެސްޓިއާ" އަކީ އެތަނަށް ކާމިޔާބުކަމާއެކު ކައިރިކުރި ހަތަރުވަނަ ބޯޓެވެ. މި އިންތިޒާމުގެ ސަބަބުން މާލޭ ވިޔަފާރި ބަނދަރަށް ބާރުބޮޑުވުން ކުޑަވެ، މުދާ އުފުލާ އުޅަނދުފަހަރަށް ދޭ ޚިދުމަތްތައް އިތުރަށް ހަލުވިވެގެންދާނެއެވެ.

މި ސަރުކާރުން އިގްތިސާދީ ދާއިރާ ހަރުދަނާކޮށް، ރާއްޖޭގެ ބަނދަރުތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އެމްޕީއެލުން އަންނަނީ ތިލަފުށީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ އިތުރުން، ބަނދަރުގެ ހިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.