MTCC

މިދިޔަ ހަފުތާގައި ހިމަބިހީގެ އިތުރު 23 ކޭސް، ސަމާލުވުމަށް އިލްތިމާސްކޮށްފި

l_2021_12_01_041636_e1jvs53fry9zwuntgb62oxk4ichpq8aldm7_EN_

މިދިޔަ ހަފުތާގައި ހިމަބިހީގެ އިތުރު 23 ކޭސް، ސަމާލުވުމަށް އިލްތިމާސްކޮށްފި

SHARE

މާލެ ސަރަހައްދުގައި ހިމަބިހި (މީސްލްސް) ފެތުރެމުންދާ މިންވަރު އިތުރުވެ، މިދިޔަ ހަފުތާގެ ތެރޭގައި އެކަނިވެސް 23 މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 144 އަށް އަރާފައެވެ. ނިމިދިޔަ ހަފުތާގައި 23 ކޭސް ފެނިފައިވާއިރު، އޭގެ ކުރީ ހަފުތާގައި މާލެ ސަރަހައްދުން 55 މީހަކަށް މި ބަލި ޖެހިފައިވާކަން ފާހަގަކުރެވެއެވެ.

ބަލީގެ ނުރައްކާ ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ހިމަބިއްސަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 24 އަހަރުގެ ދިވެހި ޒުވާނަކު އިއްޔެ ވަނީ ނިޔާވެފައެވެ. ނިޔާވެފައިވަނީ ގދ. ފިޔޯރީ، ޑްރީމީލައިޓް، އިބްރާހީމް ދިޔާޝް ރަޝީދެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަކީ ދިފާއީ ނިޒާމު ވަރަށް ބޮޑަށް ބަލިކަށިވެފައިވާ (އިމިއުން ކޮމްޕްރޮމައިޒްޑް) މީހެކެވެ.

ހިމަބިހި ފެތުރޭ މިންވަރު އިތުރުވި ނަމަވެސް، މިއީ ކޮންޓްރޯލުން ނެއްޓިފައިވާ ބައްޔެއް ނޫން ކަމަށާއި، މިއީ ކުރު މުއްދަތެއްގެ ތެރޭގައި ގައިންގަޔަށް އަރާ ނަމަވެސް އަވަހަށް ފަސޭހަވާ ބައްޔެއް ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން ދަނީ ބަލި ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއިން ކުރިއަށްގެންދާ ވެކްސިން ކެމްޕޭނުގެ ދަށުން މިހާތަނަށް 7,100 މީހުންނަށް ވަނީ ވެކްސިން ދީފައެވެ. އެ އެޖެންސީން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރިކަން ޔަގީންނުވާ ފަރާތްތަކުން ލަސްނުކޮށް ވެކްސިން ޖެހުމަށާއި ބަލި ޖެހިފައިވާ މީހަކާ ދިމާވެފައިވާ ނަމަ، ހުޅުމާލެ ހޮސްޕިޓަލް ނުވަތަ ދަރުމަވަންތަ ހޮސްޕިޓަލުން ކަނޑައެޅިފައިވާ ވަގުތުތަކުގައި ވެކްސިން ޖެހުމަށް އިރުޝާދު ދީފައެވެ. އަދި އަތޮޅުތަކުގެ ސިއްހީ މަރުކަޒުތަކުންނާއި މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުން ކަނޑައެޅިފައިވާ ގަޑިތަކުގައި ވެކްސިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ އަންގާފައެވެ.

ހިމަބިއްސަކީ "މީސްލްސް ވައިރަސް" ގެ ސަބަބުން ޖެހޭ، ކެއްސާ ކިނބިހި އެޅުމުގެ ތެރެއިންނާއި ޖަރާސީމުން ތަޣައްޔަރުވެފައިވާ ތަންތަނުގައި އަތްލުމުން ވަރަށް ފަސޭހައިން ފެތުރޭ ބައްޔެކެވެ. މި ބަލީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުން، ނޭފަތުން ފެން އައުން، ކެއްސުން، އަދި ހަށިގަނޑުގައި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ. އާންމުކޮށް މި ބިހިތައް ފުރަތަމަ ފެންނަން ފަށަނީ ނިއްކުރި މަތިންނެވެ.

ސިއްހީ މާހިރުން އިލްތިމާސް ކުރައްވަނީ ހުން އައުމާއެކު ހަށިގަނޑުން ބިހި ފެންނަން ފަށައިފި ނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށެވެ. ސަރަހައްދީ ގައުމުތަކުގެ ތެރެއިން މިހާރު ރާއްޖެއަކީ މި ބަލި ފެތުރޭ މިންވަރު އިތުރު ގައުމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.