ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބުގެ ވޯޓު ގުނަމުން ދަނިކޮށް، ހުޅުމާލޭގައި ހުންނަ ކާމިލް ދީދީ ޕްރީ ސްކޫލަށް ވަދެގަނެ، މުދަލަށް ގެއްލުންދީ މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފި އެވެ.
މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ އުތުރު ދާއިރާގެ ވޯޓު ފޮށި ގުނަމުން ދިޔަ ވަގުތުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ގްރޫޕަކުން އެ ތަނަށް ވަދެގަނެ، ވޯޓުލާ ސަރަހައްދުގައި ހުރި މޭޒާއި ގޮނޑި ފަދަ ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި އެ ތަނުގައި ތިބި ބައެއް މީހުންނާ މެދު މާރާމާރީ ވެސް ހިންގާފައިވެއެވެ.
ފުލުހުން މި މައްސަލައިގައި އެންމެ ފުރަތަމަ ދެ މީހަކު ހައްޔަރުކުރީ މި މަހުގެ 11 ވަނަ ދުވަހުއެވެ. އެއީ އުމުރުން 23 އަހަރާއި 24 އަހަރުގެ ދެ ދިވެހި ފިރިހެނުންނެވެ. އޭގެ ފަހުން، މި މަހުގެ 12 ވަނަ ދުވަހު ވެސް 24 އަހަރުގެ އިތުރު ފިރިހެނަކު މި މައްސަލައާ ގުޅިގެން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ފުލުހުން މިއަދު ހާމަކުރި ގޮތުގައި، ހައްޔަރުކުރި މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭިތިއްބުމަށް އަމުރުކޮށްފައެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން އަދި އާންމުކޮށްފައި ނުވާއިރު، މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.