މަތިންދާ ބޯޓުގައި ދަތުރުކުރާއިރު މިހާރު ލައިޓަރު ގެންދެވޭނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
ޑިފެންސް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނެފައިވާ ގޮތުން، މި ހުއްދަ ދީފައިވަނީ ދުނިޔޭގެ ސިވިލް އޭވިއޭޝަން ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް، ނެޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމް (އެންސީއޭއެސްޕީ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ މިންގަނޑުތަކަށް ރިއާޔަތްކޮށެވެ. ނަމަވެސް، ޑިފެންސް މިނިސްޓްރީން ވަނީ މިކަމުގައި ސަމާލުކަންދޭންޖެހޭ މުހިންމު ނުކުތާއެއް ފާހަގަކޮށްފައެވެ. އެގޮތުން އެއްވެސް އެއާލައިނަކުން ވަކި ފްލައިޓަކަށް ލައިޓަރު އެރުވުން މަނާކުރަން ބޭނުންވެއްޖެ ހާލަތެއްގައި، އެކަން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާ ގުޅިގެން ކުރިއަށް ގެންދެވިދާނެ ކަން ހާމަކޮށްފައެވެ. މިފަދަ ހާލަތެއްގައި، އެއާލައިނުން އެކަން ޑިފެންސް މިނިސްޓްރީއަށް ލިޔުމުން ހުށަހަޅަންޖެހޭނެ ކަމަށް ސާކިއުލާގައިވެއެވެ.
މީގެ ކުރިން ރާއްޖެއިން ފުރާ ފްލައިޓްތަކުގައި ލައިޓަރު ގެންދިއުމަކީ މަނާކަމެކެވެ. މި ބަދަލަކީ، ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދުނިޔޭގެ އެހެން ގިނަ ގައުމުތަކުގައިވެސް އަމަލުކުރަމުންދާ އުސޫލުތަކާ އެއްގޮތްވާ ގޮތަށް ގެނެވުނު ބަދަލެކެވެ.