ސަރުކާރުން ޗައިނާއާއެކު ބާއްވަމުންދާ ގާތް ގުޅުމުގެ ދަށުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު މިއަދު ހަދިޔާކޮށްފިއެވެ.
"ޔޫތު ހަބް" ގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ވަނީ ކުޅިވަރުގެ ތަފާތު 21 ބާވަތެއްގެ ސާމާނު ހަދިޔާކޮށްފައެވެ. މި ތަކެއްޗާ ހަވާލުވުމުގެ ގޮތުން ސޮއިކުރަންޖެހޭ "ޑޮކިއުމަންޓް އޮފް އެކްނޮލެޖްމަންޓް" ގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް، ޢަބްދުﷲ ރާފިޢު އެވެ. ޗައިނާ ސަރުކާރުގެ ފަރާތުން މި ލިޔުމުގައި ސޮއިކުރެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ އެވެ.
ލިޔެކިޔުންތަކުގައި ސޮއިކުރެއްވުމަށްފަހު، ސަފީރު ކޮންގް ޝިއަންހުއާ ވަނީ ރަސްމީކޮށް މި ކުޅިވަރު ސާމާނުތައް މިނިސްޓަރު ރާފިޢުއާ ހަވާލުކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރުގެ އިތުރުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެހީއަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށާއި، ޒުވާނުން ބާރުވެރިކުރުވުމަށް ޗައިނާ ސަރުކާރުން ދެއްވާ މުހިންމު އެއްބާރުލުމެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ. މި ސާމާނުތަކުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބި، ޒުވާނުންނަށް ކުޅިވަރުގެ މައިދާނުގައި އާ ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.
ޗައިނާ ސަރުކާރަކީ މީގެ ކުރިންވެސް އެކި ފަހަރުމަތިން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ގިނަގުނަ އެހީތަކެއް ފޯރުކޮށްދީފައިވާ ޤައުމެކެވެ. މިއަދު ހަދިޔާކުރެވުނު ސާމާނުތަކަކީވެސް ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި މި ރަސްމިއްޔާތުގައި ފާހަގަކުރެވުނެވެ.