MTCC

މަގުތަކަށް ފެންތިކި ޖަހާ މައްސަލަ ހައްލުކުރުމަށް ކައުންސިލުން އެދިއްޖެ

c9DQC4IDfAWChA37592jF-fenthiki

މަގުތަކަށް ފެންތިކި ޖަހާ މައްސަލަ ހައްލުކުރުމަށް ކައުންސިލުން އެދިއްޖެ

SHARE

މާލޭގެ މަގުތަކަށް އިމާރާތްތަކުން ފެންތިކި ޖަހާ މައްސަލަ ހައްލުކުރުމަށްޓަކައި، އެފަދަ ތަންތަން އިސްލާހުކުރުމަށް މާލެ ސިޓީ ކައުންސިލުން އަނެއްކާވެސް އަންގައިފިއެވެ.

މާލޭގެ ގިނަ މަގުތަކަކަށް، ޚާއްސަކޮށް ހިނގާ މީހުން ބޭނުންކުރާ ޕޭމަންޓްތަކަށް ފެންތިކި ޖަހަމުންދަނީ އިމާރާތްތަކުގައި ހަރުކޮށްފައި ހުންނަ އޭސީ ހޮޅިތަކާއި ދިޔަދޮވިތަކުންނެވެ. މީގެ ސަބަބުން މަގުމަތިން ހިނގައިބިނގާވެއުޅޭ މީހުންނަށާއި ދުއްވާ އެއްޗެހީގައި އުޅޭ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާންޖެހޭކަން ކައުންސިލުން ފާހަގަކުރެއެވެ.

މި މައްސަލައާ ގުޅިގެން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މީގެ ކުރިންވެސް މިފަދަ ތަންތަން ފާހަގަކޮށް، އެކަންކަން އިސްލާހުކުރުމަށް ތަކުރާރުކޮށް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް، އަދިވެސް މި މައްސަލަ ތަކުރާރުވަމުންދާތީ ރައްޔިތުންގެ ފަރާތުން ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

"އިމާރާތްތަކުން ފެން ތިކި ޖަހާ މައްސަލަ އަކީ ޒަމާނުއްސުރެ ހައްލުނުކުރެވި އޮތް މައްސަލައެއް. މިފަދަ މައްސަލަތައް ހައްލުކޮށް، މާލެއަކީ އެންމެނަށް ދިރިއުޅެވޭ ކަހަލަ ހިތްފަސޭހަ ތަނަކަށް ހެދުމަށް ހުރިހައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ،" އާޒިމް ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ވަނީ މަގުތަކަށް ފެންތިކި ޖަހާ ތަންތަން ފާހަގަވާނަމަ، އެކަމުގެ ފޮޓޯ އާއި ވީޑިއޯ ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް ފޮނުވައިދިނުމަށް އެދިފައެވެ. މި މައްސަލަ ދާއިމީކޮށް ހައްލުކުރުމަށްޓަކައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ މަޢުލޫމާތާއި އެއްބާރުލުން މުހިންމު ދައުރެއް އަދާކުރާނެ ކަމަށްވެސް ކައުންސިލުން ހާމަކުރެއެވެ.