އަމާނާތްތެރިކަމާއެކު ހައްގު ބަސް ފެތުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ 34 ވަނަ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި، ރައީސް ވަނީ ދިވެހި ހުރިހާ ލިޔުންތެރިންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، ލިޔުންތެރިކަމުގެ މައިދާނުގައި ޙައްޤު ބަސް ފެތުރުމަށާއި، މުޖުތަމަޢުގައި ރީތިކޮށް މުޚާޠިބުކުރުމުގެ އާދަ އަށަގެންނެވުމަށް ބާރުއަޅުއްވާފައެވެ. ވަކިން ޚާއްޞަކޮށް، ތިމާ އާއި އަނެކުންގެ މިއަދާއި މާދަމާއަށް ފައިދާކުރާނެ ފަދަ ބިނާކުރަނިވި ޚިޔާލުތަކާއި ފިކުރުތައް ފެތުރުމަށް އެމަނިކުފާނު ދިވެހި ލިޔުންތެރިންނަށް އިލްތިމާސްކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މާތްވެތި އިސްލާމްދީނަކީ އުނގަންނައިދިނުމަށާއި، ތެދު މަޢުލޫމާތު ފެތުރުމުގެ އިތުރުން ލިޔުންތެރިކަން ކުރިއެރުވުމަށް ނުހަނު ބޮޑަށް ބާރުއަޅާ ދީނެކެވެ. އެހެންކަމުން، ދިވެހި ލިޔުންތެރިންނަކީ ޤައުމުގެ ފަޚުރުވެރި ދަރިންތަކަކަށް ވާންޖެހޭނެ ކަމަށާއި، ލިޔުންތެރިންގެ ގަލަމުން އޮއްސާލާ ކޮންމެ އަކުރަކީ ޤައުމަށް ފާގަތިކަން ލިބޭނެ، އަމާނާތްތެރިކަމާއެކު ތަޞްވީރުކުރެވޭ އެއްޗަކަށް ހެދުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ. އަދި ކުރީގެ ލިޔުންތެރިންނާއި މިހާރުގެ ލިޔުންތެރިން ކުރައްވަމުންދާ އަގުހުރި މަސައްކަތްތަކުގައި ބަރަކާތްލެއްވުން އެދި އެމަނިކުފާނު ދުޢާކުރެއްވިއެވެ.
ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ ތަހުނިޔާ ފޮނުއްވާފައެވެ. އެކަމަނާގެ މެސެޖުގައި، ދިވެހި އަދަބިއްޔާތާއި ލިޔުންތެރިކަން ދިރުވައި އާލާކުރުމަށް ރެޔާއި ދުވާލު މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކުގެ އިޚްލާޞްތެރި މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.
މިއަހަރުގެ ލިޔުންތެރިންގެ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ "އަމާނާތްތެރި ލިޔުންތެރިއަކަށް ވަމާ!" މިއެވެ. މި ޝިޢާރުގެ މަޤްޞަދަކީ ކޮންމެ ލިޔުންތެރިއަކީވެސް ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަޢުލޫމާތު ފޯރުކޮށްދޭ މީހަކަށް ހެދުމެވެ.
ދިވެހިރާއްޖޭގައި ކޮންމެ އަހަރަކުވެސް ލިޔުންތެރިންގެ ދުވަސް ފާހަގަކުރަމުން އަންނަނީ ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާގައި ލިޔުންތެރިން ކުރާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.