MTCC

ރަނގަޅު ސިއްހަތަކީ އިގްތިސާދީ ފާގަތިކަމުގެ ބިންގާ: މެޑަމް ސާޖިދާ

464306_9cd26852-8_

ރަނގަޅު ސިއްހަތަކީ އިގްތިސާދީ ފާގަތިކަމުގެ ބިންގާ: މެޑަމް ސާޖިދާ

SHARE

ރަނގަޅު ސިއްހަތަކީ ތަޢުލީމާއި މުޖުތަމައުގެ ކުރިއެރުމުގެ އިތުރުން، ޤައުމެއްގެ އިގްތިސާދީ ފާގަތިކަމުގެ އަސާސީ ބިންގާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ، މިއަދު ހެނދުނު ކްރޮސްރޯޑްސް މޯލްޑިވްސްގައި ފެށި "ތާޑް އިންޓަނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޯ ހެލްތްކެއާ ޕްރޮފެޝަނަލްސް 2026″ (އައިޖޭސީއެޗްޕީ 2026) ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި މަހުގެ 7 އިން 9 އަށް ކުރިއަށްދާ މި ކޮންފަރެންސްގެ މިއަހަރުގެ ޝިޢާރަކީ "އެވިޑެންސް، އެމްޕަވަރމަންޓް އެންޑް އެޑިއުކޭޝަން: ލީޑިން ދަ ފިއުޗާ އޮފް ހެލްތްކެއާ ފޯ ސަސްޓެއިނަބަލް އިމްޕެކްޓް" އެވެ.

ސިއްހީ ދާއިރާގެ އެކި ފަންނުތަކުގެ މަންދޫބުންނާއި، ދިރާސާކުރައްވާ ބޭފުޅުންނާއި، ބައިނަލްއަޤްވާމީ މެހެމާނުން ބައިވެރިވެވަޑައިގަންނަވާ މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ޤައުމެއްގެ ބާރުވެރިކަން މިންކުރެވެނީ ހަމައެކަނި އިޤްތިޞާދީ ނުވަތަ ޓެކްނޮލޮޖީގެ ކުރިއެރުމުން ނޫން ކަމަށާއި، އޭގެ ބަދަލުގައި އެއީ އެ ޤައުމެއްގެ ރައްޔިތުންގެ ދުޅަހެޔޮކަމަށް އަޅާލާ މިންވަރުގެ މައްޗަށް ބިނާވާ ކަމެއް ކަމަށެވެ.

ސިއްހީ ދާއިރާއަށް އަންނަ ޒަމާނީ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން، އާޓިފިޝަލް އިންޓެލިޖެންސް އާއި ރޮބޮޓިކްސް ފަދަ ވަސީލަތްތަކުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، އެއްވެސް ޓެކްނޮލޮޖީއަކަށް އިންސާނީ އޯގާތެރިކަމާއި ކުލުނުގެ މަޤާމު ފުރިހަމަ ނުކުރެވޭނެކަމަށާއި، ޓެކްނޮލޮޖީ ވާންޖެހޭނީ އިންސާނުންނަށް ޚިދުމަތްކުރުމަށް ބޭނުންކުރާ ވަސީލަތަކަށް ކަމުގައި އެކަމަނާ ސިފަކުރެއްވިއެވެ.

ރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކަށް ދިމާވާ ޖިއޮގްރަފީ ގޮތުންނާއި މޫސުމީ ގޮތުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ވިލުންތެރި ޞިއްޙީ ނިޒާމެއްގެ ބޭނުންތެރިކަން ފާހަގަކުރައްވައި، ސަރުކާރުން މިދާއިރާ ހަރުދަނާކުރުމަށް ވެފައިވާ ވަޢުދުތައް އެކަމަނާ ތަކުރާރުކުރެއްވިއެވެ. މިގޮތުން އިންސާނީ ވަސީލަތް ބިނާކުރުމަށާއި، ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ.

މީގެ އިތުރުން، ސިްހީ ޚިދުމަތުގެ އިސް ސަފުގައި މަސައްކަތްކުރާ ނަރުހުންނާއި އަންހެނުންގެ ދައުރުގެ އަގުވަޒަންކުރައްވަމުން، އެކަމަނާ ވިދާޅުވީ އަންހެނުން އިސް ސަފުގައި ތިބުމަކީ މުޅި ނިޒާމު އިތުރަށް ހަރުދަނާވެ، އެންމެން ޝާމިލުވާ ޚިދުމަތެއް ފޯރުކޮށްދިނުމަށް ލިބޭ ބޮޑު ބާރެއް ކަމަށެވެ.

މި ރަސްމިއްޔާތުގައި، ކޮންފަރެންސްގެ އިންތިޒާމުކުރާ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ހަނދާނީ ފިލައެއް އަރުވާފައެވެ. އެކަމަނާގެ ވާހަކަފުޅު ނިންމަވާލެއްވީ، މި ކޮންފަރެންސްގެ ސަބަބުން ޞިއްޙީ ދާއިރާގެ ކުރިއެރުމަށް އައު އުއްމީދުތަކާއި ޚިޔާލުތައް އުފަންވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވަމުންނެވެ.