MTCC

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 166 މަޝްރޫއެއް ކުރިޔަށް އެބަދޭ: ގީލާ

742737140_1622559715474801_2399346883190924662_n

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 166 މަޝްރޫއެއް ކުރިޔަށް އެބަދޭ: ގީލާ

SHARE

ރާއްޖޭގެ ސިއްހީ ހިދުމަތުގެ ފެންވަރު މަތިކޮށް، އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށްޓަކައި މުޅި ރާއްޖޭގައި މިވަގުތު 166 މަޝްރޫއެއްގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން، ވަޒީރު ވިދާޅުވި ގޮތުގައި، ސިއްހީ ދާއިރާއަކީ މިހާރުވެސް އުމްރާނީ ގޮތުން އެންމެ ގިނަ މަޝްރޫއުތައް ހިންގަމުންދާ އެއް ދާއިރާއެވެ. މި މަޝްރޫއުތަކުގެ ތެރޭގައި ސަރުކާރުގެ ސީދާ ބަޖެޓުންނާއި އެކި ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ ތަފާތު މަސައްކަތްތައް ހިމެނެއެވެ.

"ސިއްހީ ދާއިރާއަކީ މިހާރުވެސް އެންމެ ގިނަ އުމްރާނީ ތަރައްގީގެ ޕްރޮޖެކްޓުތައް ފަށައިގެން ކުރިޔަށް ގެންދާ އެއް ދާއިރާ. އަޅުގަނޑުމެން މިހާރުވެސް ބަލަހައްޓަމުން ގެންދަވާ، ޖުމްލަކޮށް ދަންނަވާނަމަ 166 އުމްރާނީ ތަފާތު ޕްރޮޖެކްޓުގެ މަސައްކަތްތައް އެކި ސްޓޭޖްތަކުގައި ކުރިޔަށް އެބަ ގެންދެވޭ،" ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫއުތަކުގެ ތަފްސީލަށް އަލިއަޅުވާލައްވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރަށްރަށުގައި އެމްއާރްއައި އާއި ސީޓީ ސްކޭންގެ ހިދުމަތް ގާއިމުކުރުމަށްޓަކައި އިމާރާތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ފަންނީ މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތްތައް ދަނީ ހިނގަމުންނެވެ. މީގެ އިތުރުން، މިހާތަނަށް ދަތުގެ ފަރުވާއާއި ޑަޔަލަސިސްގެ ހިދުމަތް ލިބެން ނެތް ރަށްތަކުގައި އެ ވަސީލަތްތައް ގާއިމުކުރުމަކީ ސަރުކާރުގެ ބޮޑު އިސްކަމެއް ދޭ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ސިއްހީ ދާއިރާގެ ބިނާރު ވަރުގަދަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ އަހަންމިއްޔަތުކަމެއް ދެއްވާ ކަމެކެވެ. އެގޮތުން މިއަހަރުގެ ބަޖެޓުގައިވެސް މި ދާއިރާއަށް ބޮޑު ހޭދައެއް ކުރުމަށް ވަނީ ކަނޑައަޅާފައެވެ.

މަޝްރޫއުތައް ނިންމުމާ ގުޅޭގޮތުން ރައީސް ޑރ. މުއިއްޒު ދާދިފަހުން ވިދާޅުވެފައިވަނީ، ހުރިހާ މަޝްރޫއުތަކެއްވެސް ތާވަލަކާ އެއްގޮތަށް ކުރިއަށްދާނެ ކަމަށެވެ. ރައީސްގެ އަމާޒަކީ ބޮޑެތި މަޝްރޫއުތައް 2028 ވަނަ އަހަރުގެ މެދުތެރެއަށް ނިންމުމެވެ. އަދި ކުދި މަޝްރޫއުތައް އެއަށްވުރެ މާ އަވަހަށް ނިންމައި، ރައްޔިތުންނަށް އޭގެ ފައިދާ ލިބިގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.