MTCC

ސިއްހީ ދާއިރާއަށް ކުރާ ހޭދައަކީ ދުޅަހެޔޮ އާބާދީއަކަށް ކުރާ އިންވެސްޓްމަންޓެއް: ގީލާ

736007710_2029811790969444_794888271494935811_n

ސިއްހީ ދާއިރާއަށް ކުރާ ހޭދައަކީ ދުޅަހެޔޮ އާބާދީއަކަށް ކުރާ އިންވެސްޓްމަންޓެއް: ގީލާ

SHARE

ސަރުކާރުން ސިއްހީ ދާއިރާއަށް ކަނޑައަޅާ ބަޖެޓު އަހަރަކަށްވުރެ އަހަރެއް ބޮޑުކުރަމުންދަނީ، ރައްޔިތުންގެ ސިއްހީ ފަރުވާއަށް ކުރާ ހޭދައަކީ ހަމައެކަނި ފައިސާގެ ހަރަދެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، އެއީ ދުޅަހެޔޮ އާބާދީއެއް ބިނާކުރުމަށް ކުރާ މުހިންމު އިންވެސްޓްމަންޓެއް ކަމަށް ދެކޭތީ ކަމަށް ހެލްތް މިނިސްޓަރ ގީލާ އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރ ގީލާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން ކަށަވަރުކުރުން ކަމަށެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ސިއްހީ ދާއިރާގެ ބަޖެޓަށް ބޮޑެތި ކުރިއެރުންތަކެއް ގެންނަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން، 2024 ވަނަ އަހަރު ސިއްހީ ދާއިރާއަށް 1.7 ބިލިއަން ރުފިޔާ ބަޖެޓް ކުރެވުނު އިރު، 2026 ވަނަ އަހަރަށް މި އަދަދު 1.9 ބިލިއަން ރުފިޔާއަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ.

ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވާ މިންވަރާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ސިއްހީ ހިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާ ފެންނަން ފަށާފައިވާ ކަމަށެވެ.

"ފާއިތުވި 3 އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު، އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވޭ މީހުންގެ އަދަދު ވަނީ މަދުކުރެވިފަ. އެގޮތުން، 2023 ވަނަ އަހަރާ އަޅާބަލާ އިރު، 2025 ވަނަ އަހަރުގެ ނިޔަލަށް 338 މީހުން ވަނީ މަދުވެފައި،" މިނިސްޓަރ ވިދާޅުވިއެވެ.

ނަމަވެސް، ކެންސަރު ބަލިތަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ފޮނުވާ މީހުންގެ އަދަދު އިތުރުވަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން 2023 އާ އަޅާބަލާއިރު 2025 ވަނަ އަހަރު 487 މީހުން ކެންސަރުގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ގޮސްފައިވެއެވެ. މިނިސްޓަރ ވިދާޅުވީ ކެންސަރު ބަލި ފިޔަވައި އެހެނިހެން ބަލިތަކަށް ބޭރަށް ފޮނުވާ މިންވަރު 2023 އާ އަޅާބަލާއިރު 821 މީހުން މަދުވެފައިވާ ކަމަށެވެ.

ރާއްޖެއިން ބޭރަށް ބަލިމީހުން ފޮނުވަން ޖެހެނީ ރާއްޖޭގައި މިވަގުތު ދެވެން ނެތް ސްޕެޝަލިސްޓް ފަރުވާތަކާއި، ބޮޑެތި އޮޕަރޭޝަންތަކާއި، ނާރުގެ ބަލިތަކަށް ބޭނުންވާ ހާއްސަ ހިދުމަތްތައް ހޯދުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއީ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ދައުލަތުން ފޯރުކޮށްދޭންޖެހޭ ކޮންމެހެން މުހިންމު ހިދުމަތެއްކަންވެސް މިނިސްޓަރ ގީލާ އަލީ ފާހަގަކުރެއްވިއެވެ.