MTCC

ކަރަންޓުގެ އަގުހެޔޮ ކުރުމަށް މިދިޔަ އަހަރު އިތުރަށް 453 މިލިއަން ހަރަދުކުރި

420198_3_ecb706e0e9f11056afe33c4cfc27cb0a9eb4f58a_large

ކަރަންޓުގެ އަގުހެޔޮ ކުރުމަށް މިދިޔަ އަހަރު އިތުރަށް 453 މިލިއަން ހަރަދުކުރި

SHARE

ސަރުކާރުން ރައްޔިތުންނަށް ދެމުން އައި ސަބްސިޑީ އުނިނުކޮށް، ކަރަންޓު އަގުހެޔޮކުރުމަށްޓަކައި މިދިޔަ އަހަރުގެ ބަޖެޓުން އިތުރަށް 453 މިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.

ކަރަންޓާއި ކާބޯތަކެތީގެ އަގު ހެޔޮކުރުމަށް ދައުލަތުން ދެމުންދާ ސަބްސިޑީގެ ނިޒާމަށް ގެންނަން ނިންމި ބަދަލުތައް ތަންފީޒު ނުކޮށް، މިދިޔަ އަހަރު ބަޖެޓުން ބޮޑު ހޭދައެއް ކުރަން ޖެހިފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ/

ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި، މިދިޔަ އަހަރުގެ ބަޖެޓުގައި ވަނީ އެންމެނަށް ދެމުންދާ ސަބްސިޑީގެ ބަދަލުގައި، ހަމައެކަނި އެހީއަށް ބޭނުންވާ ފަރާތްތަކަށް ސަބްސިޑީ ދޭ ގޮތަށް ބަދަލުކުރުމަށް ރާވާފައެވެ. މި އިސްލާހުގެ ދަށުން ބަޖެޓުން 2.4 ބިލިއަން ރުފިޔާ އުނިކުރުމަށް ހިމެނި ނަމަވެސް، ރައީސް މުއިއްޒު ވަނީ ރައްޔިތުންނަށް ދެމުން އައި ލުއިތައް އުނިނުކުރުމަށްޓަކައި އެ ބަދަލުތައް މިވަގުތަށް ތަންފީޒު ނުކުރުމަށް ނިންމަވާފައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން:

  • ކަރަންޓު ސަބްސިޑީ: ކަރަންޓު އަގުހެޔޮކުރުމަށް ބަޖެޓުގައި ކަނޑައެޅީ 379 މިލިއަން ރުފިޔާ ނަމަވެސް، އަހަރު ނިމުނުއިރު މިކަމަށް 832 މިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ. މިއީ ބަޖެޓު ކުރި މިންވަރަށް ވުރެ 119 އިންސައްތަ ނުވަތަ 453 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
  • ކާބޯތަކެތީގެ ސަބްސިޑީ: ކާބޯތަކެތީގެ އަގު ހިފެހެއްޓުމަށް ބަޖެޓުކުރި 93 މިލިއަން ރުފިޔާގެ ބަދަލުގައި، 383 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިއީ 312 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.

މިދިޔަ އަހަރަކީ ފާއިތުވި 13 އަހަރުގެ ތެރޭގައި ރާއްޖޭގައި ތަކެތީގެ އަގު އެންމެ ބޮޑަށް އުފުލުނު އަހަރަށް ވާއިރު، ކާބޯތަކެތީގެ އަގުތައް އެކަނިވެސް 4.7 އިންސައްތަ އުފުލިފައިވާ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ބުނެއެވެ. މީގެ އިތުރުން، ކަރަންޓު އުފެއްދުމަށް ބޭނުންވާ ތެޔޮ ސްޓެލްކޯ އާއި ފެނަކައަށް މާކެޓް އަގަށްވުރެ ހެޔޮކޮށް ފޯރުކޮށްދިނުމަށާއި، ކުންފުނިތަކަށް ލިބޭ ގެއްލުން ފޫބެއްދުމަށް ދައުލަތުން ބޮޑު ހޭދައެއް ކުރަންޖެހެއެވެ.

ދަރަނި ބޮޑުވަމުންދާތީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ސަބްސިޑީ ނިޒާމު އިސްލާހުކުރަން ބާރުއަޅަމުންދާއިރު، ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ހަރަދުތައް ކުޑަކުރުމަށެވެ. އެގޮތުން މާލެ ސަރަހައްދުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރަން ފެށުމުން، ކުރިއަށް އޮތް 10 އަހަރު ތެރޭގައި 13.9 ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ.