ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލި، އާންމުންނަށް ޑޮލަރު ލިބުން ދަތިވެފައިވާ މައްސަލައަކީ މީގެ ކުރިން އޮތް އެމްޑީޕީގެ ދެ ސަރުކާރުން ގެންގުޅުނު ނޭދެވޭ އިގުތިސާދީ ސިޔާސަތުތަކުގެ ނަތީޖާ ކަމަށް އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ، މިހާރު ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަމުގެ އަސްލަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުން އިންތިހާއަށް ފައިސާ ޗާޕުކުރުން ކަމަށެވެ. އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުން ގާނޫނު ސަސްޕެންޑްކޮށްގެން ފައިސާ ޗާޕުކުރަމުން ދިޔައިރު، އޭގެ ނޭދެވޭ އަސަރު ފަހުން ފެންނާނެ ކަމަށް އޭރުވެސް އިންޒާރު ދެއްވާފައިވާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ޑޮލަރުގެ މައްސަލައިގައި އިއްޒަތްތެރި ރައީސް އަޅުގަނޑު މި ދެންނެވީ ގާނޫނު ސަސްޕެންޑް ކުރީ ވެސް މިދިޔަ 19 ވަނަ މިޖިލީހުގައި. ގާނޫނު ސަސްޕެންޑް ކޮށްގެން ފައިސާ ޗާޕުކުރަމުން ގެންދިޔައީ. އޭގެ ނަތީޖާ ބައްދަލުކުރާނެ ވާހަކަ އަލުގަނޑުމެން އޭރުވެސް ދެއްކިން،" ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު ޑޮލަރުގެ ރޭޓު 10 ރުފިޔާއާއި 15 ރުފިޔާއާ ދެމެދުގައި ފްލޯޓް ކުރުމަށް ނިންމި ނިންމުމަކީ ވެސް މިއަދާ ހަމައަށް ރައްޔިތުން އޭގެ ތަކުލީފު އުފުލަން ޖެހިފައިވާ ކަމެއް ކަމަށް ސަޢީދު ވިދާޅުވިއެވެ. އެ ނިންމުމާއެކު ޑޮލަރުގެ ރަސްމީ އަގު 12.85 ރުފިޔާއިން 15.42 ރުފިޔާއަށް އުފުލިގެން ދިޔަކަން އޭނާ ހަނދާންކޮށްދެއްވިއެވެ.
"ހަގީގަތަކީ މިއަދު ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު އުފުލި ރުފިޔާގެ އަގު ނިކަމެތިވެގެންދިޔަ އެއް ސަބަބަކީ 8000 މިލިއަން ރުފިޔާ ޗާޕްކޮށް ބާޒާރަށް ނެރުން. އަދި ނެރުނު އިރު ގާނޫނު ތަޅު އަޅުވާފައި އޮތީ މަޖިލީހުން. ގާނޫނު ތަޅުއެޅުވީމާ އެއަށް ވާންޖެހޭ ޒިންމާ ވެސް ނުވެވޭ ގޮތަށް އެތައް ލުއިތަކެއް ދީގެން، އެއްވެސް ޓްރާންސްޕޭރެންސީއެއް ނެތި އެއްވެސް ބިރެއްނެތި އެކަން ކުރަމުން ދިޔައީ. އެހެންވެގެން ވޯލްޑް ބޭންކުން ވެސް އަދި ގުޅުން ހުރި އިދާރާތަކުން ވެސް އެކަން ނުކުރަން ބުނަމުން ދިޔައީ." ސައީދު ވިދާޅުވިއެވެ.
ޑޮލަރުގެ އަގު ހިފެހެއްޓުމާއި ކަޅު ބާޒާރު ނައްތާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މުހިންމު ވައުދެކެވެ. ނަމަވެސް، ފާއިތުވި މަސްތަކުގައި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20 ރުފިޔާއަށް ވުރެ މައްޗަށް ގޮސްފައިވުމުން، އިމްޕޯޓަށް ބަރޯސާވެފައިވާ ރާއްޖޭގެ އިގުތިސާދަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން ތަކެތީގެ އަގު އުފުލި، އާންމު ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ވަނީ ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ގައުމެއްގައި ޑޮލަރުގެ ކަޅު ބާޒާރެއް އުފެދިގެންދަނީ އެ ގައުމެއްގެ ސަރުކާރު ފެއިލްވުމުންނެވެ.
މިނިސްޓަރު ސަޢީދު އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ ރާއްޖެ ވެއްޓިފައިވާ ދަރަނީގެ އަނދަވަޅުން ސަލާމަތްކޮށް، އިތުބާރު ހުރި ވަރުގަދަ އިގުތިސާދެއް ބިނާކުރުން ކަމަށެވެ. އެހެންނަމަވެސް، މަޖިލީހުގެ މެޖޯރިޓީ ލިބުމުން ޑޮލަރުގެ އަގު ތިރިކުރާނެ ކަމަށް ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް އަދި ނަތީޖާ ފެންނަމުން ނުދާތީ، އާންމުންގެ ޝަކުވާތައް ދަނީ އިތުރުވަމުންނެވެ.