ކުށުގެ މާހައުލަށް ހުށައެޅޭ ކުދިން ރީހެބިލިޓޭޓް ކުރުމަށްޓަކައި ސަރުކާރުން ތަރައްޤީކުރާ "ހޯޕް އައިލެންޑް" ނުވަތަ އުންމީދީ ރަށުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސްމިހެން ވިދާޅުވީ "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އުތުރު ތިލަފަޅުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މި ރަށަކީ ކުށުގެ ތެރެއަށް ވަންނަ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށް އެންމެ ޒަމާނީ ފެންވަރުގައި ތަރައްޤީކުރާ ތަނެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، މި މަޝްރޫޢަށް ފައިސާ ހޯދުމަށް ގިނަ ދުވަސްތަކެއް ހޭދަވި ނަމަވެސް، މިހާރު މަޝްރޫޢަށް ހުށަހަޅާފައިވާ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގެ މަރުހަލާ ކުރިއަށްދާ ކަމަށެވެ. އަދި މި ދައުރުގެ ތެރޭގައި އެތަނުގެ ޚިދުމަތް ފަށައި، އޭގެ ނަތީޖާ ފެންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މިހެން ކުރާ ކޮންމެ ކަމަކީވެސް ރަނގަޅު ކަމަކަށްވާން ބޭނުންވަނީ. ސަރުކާރުން މި މަޝްރޫޢު ލަސްތަކެއްނުވެ ފަށާނެ. މިދައުރުގެ ތެރޭގައި ނިންމާ ބޭނުން ކުރުމަކީ އަމާޒެއް. ޖުމުލަ މުޅި މަސްރޫޢަށް ޙައްލެއް އަންނަނީ މި މަޝްރޫޢުއަކުން އެކަނި ނޫން." ރައީސް ވިދާޅުވިއެވެ.
ޒުވާނުން ކުށުގެ މާޙައުލަށް ހުށައެޅޭ ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކުށަށް އަރައިގަތުމަށް މަގުފަހިވާ "ރޫޓް ކޯޒް" ނުވަތަ އަސްލު ސަބަބުތައް ޙައްލުކޮށްގެން ނޫނީ ދާއިމީ ބަދަލެއް ނުގެނެވޭނެ ކަމަށެވެ. މިގޮތުން ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމާއި، ޒުވާނުންނަށް އާމްދަނީ ލިބޭނެ ފުރުޞަތުތަކާއި ކުދި ވިޔަފާރިތައް ފެށުމަށް އެހީތެރިވުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމުގައި ވިދާޅުވިއެވެ.
ހޯޕް އައިލެންޑާ ގުޅޭ ބައެއް ތަފްސީލް ރައީސް ވަނީ ހާމަކުރައްވާފައެވެ. އެގޮތުން:
- ޖާގަ: 700 ކުދިންގެ ޖާގަ.
- ބިން: އުތުރު ތިލަފަޅުން 15 ހެކްޓަރުގެ ބިން ހިއްކުން.
- ވަސީލަތްތައް: ތައުލީމާއި ތަމްރީން ދޭނެ ސަރަޙައްދުތައް، ޞިއްޙީ ޚިދުމަތް، ކުޅިވަރު ކުޅޭނެ ތަންތަން އަދި އެކުދިންނާއި މުވައްޒަފުން ތިބޭނެ ޔުނިޓްތައް.
- ޕްރޮގްރާމްތައް: އަސާސީ ތަޢުލީމު، ދީނީ ތަރުބިއްޔަތު، ތެރަޕީ (ސައިކޯ ސޯޝަލް އިންޓަވެންޝަން) އަދި ކޮންޓެކްޓް ސްޕޯޓްސް ގާއިމުކުރެވޭނެއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ހޯޕް އައިލެންޑަށް ގެންދާ ކުދިން 18 އަހަރު ވަންދެން އެތަނުގައި ބައިތިއްބައި، އޭގެ ފަހުން ވަކި މުއްދަތަކަށް ފުލުހުންގެ ނުވަތަ ސިފައިންގެ ޚިދުމަތުގައި މަސައްކަތް ކުރަންޖެހޭ ގޮތަށް ހަމަޖައްސަވާނެ ކަމަށެވެ. މިއީ އެކުދިންނަކީ މުޖުތަމަޢަށް ބޭނުންހިފޭ، އަބުރުވެރި ބަޔަކަށް ހެދުމަށް ސަރުކާރުން ގެންގުޅޭ ވަށާޖެހޭ ސިޔާސަތެއްގެ ބައެއްކަން ރައީސް ފާހަގަކުރެއްވިއެވެ.