އިންޑިއާއިން ދިވެހިރާއްޖެއަށް އެކްސްޕޯޓްކުރާ ތެލުގެ ބާވަތްތަކުން ނަގަމުންދިޔަ ޑިއުޓީ ކަނޑާލުމަށް އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އިންޑިއާ ސަރުކާރުގެ ރަސްމީ ގެޒެޓުގައި ޝާއިއުކުރި އިސްލާޙެއްގައެވެ.
ރާއްޖެއަކީ އާންމުކޮށް މެދުއިރުމަތީގެ ޤައުމުތަކުން ތެޔޮ އެތެރެކުރާ ޤައުމަކަށް ވީނަމަވެސް، ޚުރުމޫޒް ކަނޑުއޮޅީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށާއި ވިޔަފާރިތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މި ހާލަތާ ގުޅިގެން، ރާއްޖެއަށް ބޭނުންވާ ތެޔޮ ހޯދުމުގައި އަވައްޓެރި އިންޑިއާގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން ދިވެހި ސަރުކާރުން ވަނީ މީގެ ކުރިން މަޝްވަރާތަކެއް ކޮށްފައެވެ.
އިންޑިއާގެ ޑިއުޓީއާ ގުޅޭ ޤާނޫނަށް ގެނައި މި ބަދަލާއެކު، ރާއްޖެއަށް ބޭރުކުރާ ތެލުގެ ބާވަތްތަކުން "ސްޕެޝަލް އެޑިޝަނަލް އެކްސައިޒް ޑިއުޓީ" އާއި "ރޯޑް އެންޑް އިންފްރާސްޓްރަކްޗަރ ސެސް" ކަނޑާލުމަށް ވަނީ ނިންމާފައެވެ. މީގެ ކުރިން މިފަދަ ލުއިތަކެއް އިންޑިއާއިން ދެމުން އައީ ސްރީލަންކާ، ބޫޓާން، ނޭޕާލް އަދި ބަންގްލަދޭޝްއަށެވެ. ނަމަވެސް އަލަށް ގެނައި އިސްލާޙާއެކު މި ލިސްޓުގައި ރާއްޖެ މިހާރު ވަނީ ހިމަނާފައެވެ.
މިކަމާ ގުޅޭގޮތުން ރާއްޖޭގެ ސަރުކާރުން އަދި ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައި ނުވިނަމަވެސް، މިއީ ސަރުކާރުން ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ކުރިއެރުމެކެވެ. ރާއްޖެއަށް މިހާރު އެންމެ ގިނައިން ތެޔޮ އެތެރެކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ އޮމާން، ސިންގަޕޫރު، މެލޭޝިއާ އަދި ޔޫއޭއީއެވެ. އިންޑިއާގެ މި ނިންމުމާއެކު، ކުރިމަގުގައި އެޤައުމުން ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.