ކުއްލި ހާލަތްތަކާއި އެކި ބާވަތުގެ ހާއްސަ ހާލަތްތަކުގައި ސިވިލް ސަރވިސް މުވައްޒަފުން އޮފީހަށް ހާޒިރުނުވެ، ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތް ހަމަޖައްސައި، އެކަމާ ގުޅޭ ގަވާއިދު ސަރުކާރުން އާއްމުކޮށްފިއެވެ.
މި ބަދަލު ގެނެސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓުކުރި "ދިވެހި ސިވިލް ސަރވިސް" ގެ ގަވާއިދަށް ގެނައި 19 ވަނަ އިސްލާހުގެ ދަށުންނެވެ. މި އިސްލާހުގެ މައިގަނޑު މަގުސަދަކީ ކުއްލި ޙާލަތްތަކުގައިވެސް މެދުނުކެނޑި ޚިދުމަތްތައް ދެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
މި އުސޫލުގެ ދަށުން ގޭގައި ހުރެގެން މަސައްކަތް ކުރުމުގެ ހުއްދައަށް އެދެވޭނީ ސިއްހީ ގޮތުން ދިމާވާ ހާއްސަ ހާލަތްތަކާ ގުޅިގެންނެވެ. އެގޮތުން ރާއްޖޭގެ ސިއްހީ ވުޒާރާގައި ނުވަތަ ބޭރު ޤައުމެއްގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަރުކަޒަކުން ދޫކުރާ ލިޔުމަކާއެކު އިދާރާއަށް ހުށަހެޅުމުން، އެ އިދާރާއެއްގެ އެންމެ އިސްވެރިޔާއަށް އެ ހުއްދަ ދިނުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.
މިގޮތަށް ގޭގައި ހުރެގެން މަސައްކަތްކުރުމުގެ ހުއްދަ ދެވޭނީ ވަކި ބާވަތެއްގެ ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ. އެގޮތުން ހުއްދަ ދެވޭނީ އޮފީހަށް ހާޒިރުނުވެ، ގޭގައި ހުރެގެން އެކަށީގެންވާ ގޮތެއްގައި ކުރެވޭނެ ފަދަ މަސައްކަތްތަކަކަށް އެކަންޏެވެ. އަދި މުވައްޒަފު މަސައްކަތްކުރާ ތަނަކީ އެކަމަށް އެކަށޭނަ ތަނެއްކަމާއި، ބޭނުންވާ ވަސީލަތްތައް ހުރިކަން އިދާރާއިން ކަށަވަރުކުރަންވާނެއެވެ.
މި އުސޫލުގެ ދަށުން މުވައްޒަފާ ހަވާލުކުރެވޭ ޓާސްކުތައް ނިންމާ މިންވަރު ދުވަހުން ދުވަހަށް ސުޕަވައިޒުކޮށް ބަލަހައްޓަންޖެހެއެވެ. މަސައްކަތް ފެށުމުގެ ކުރިން އިދާރާއާއެކު ހާއްސަ އެއްބަސްވުމެއްގައި ސޮއިކުރަންޖެހެއެވެ. މީގެ ތެރޭގައި ސިއްރު ހިފެހެއްޓުމުގެ އިޤުރާރުވެސް ހިމެނެއެވެ.
މި އުސޫލުގެ ދަށުން ހުރިހާ ވަޒީފާތަކަކަށް ގޭގައި ހުރެގެން މަސައްކަތެއް ނުކުރެވޭނެއެވެ. ޚިދުމަތުގެ ބާވަތުން ކޮންމެހެން އޮފީހަށް ނުވަތަ މަސައްކަތު މާޙައުލަށް ހާޒިރުވާންޖެހޭ ފަރާތްތައް މިކަމުން އިސްތިސްނާވެއެވެ. މީގެ ތެރޭގައި ޓީޗަރުން، ނަރުހުން، އަދި އިދާރާތަކުގެ ހިންގުމުގެ އިސްފަންތީގެ މުވައްޒަފުން ހިމެނެއެވެ. މީގެ އިތުރުން، ގޭގައި ހުރެގެން މަސައްކަތްކުރާ މުވައްޒަފަކު އެދެވޭ މިންވަރަށް މަސައްކަތް ނުކުރާނަމަ ނުވަތަ އޮފީހަށް ހާޒިރުވާން އަންގައިފި ހާލަތެއްގައި ހާޒިރުނުވެއްޖެނަމަ، ދީފައިވާ ހުއްދަ ބާޠިލުކުރުމުގެ ފުރުޞަތު އޮންނާނެކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.