MTCC

އަގުބޮޑުކޮށް ކާޑުގެ ބާވަތް ވިއްކާ މައްސަލަ ގައްދޫގައި ބޮޑުވެ، ޖޫރިމަނާގެ އިންޒާރު

267063170-455849032734154-6732797694000484284-n-876x493

އަގުބޮޑުކޮށް ކާޑުގެ ބާވަތް ވިއްކާ މައްސަލަ ގައްދޫގައި ބޮޑުވެ، ޖޫރިމަނާގެ އިންޒާރު

SHARE

ސަރުކާރުން އަގު ކޮންޓްރޯލްކޮށްފައިވާ ކާޑުގެ ބާވަތްތައް، ގދ. ގައްދޫގެ ބައެއް ފިހާރަތަކުން ނުހައްގު ގޮތުގައި ބޮޑު އަގުގައި ވިއްކަމުންދާ މައްސަލައިގައި އެ ރަށު ކައުންސިލުން ހަރުކަށި އިންޒާރެއް ނެރެފިއެވެ.

ގައްދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައަޅާފައިވާ ކޮންޓްރޯލް އަގަށްވުރެ ބޮޑުކޮށް ހަކުރާއި، ހަނޑޫ އަދި ފުށް ވިއްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިއީ "މުދާ ގަންނަ ފަރާތާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތް ކުރުމާބެހޭ ގަވާއިދު" އާ ކަނޑައެޅިގެން ޚިލާފު އަމަލެއްކަން ކައުންސިލުން ހަނދާންކޮށްދީފައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ގަވާއިދުތަކާ ހަވާލާދީ ކައުންސިލުން ބުނީ، ކާޑުގެ ބާވަތްތައް ޕެކެޓްކޮށްގެން ވިއްކި ނަމަވެސް، ޕެކެޓް ކުރުމުގެ ޚަރަދު ހިމަނައިގެން އަގު ބޮޑުކުރެވޭނީ މިނިސްޓްރީއަށް ލިޔުމުން ހުށަހަޅައި، އެކަމުގެ ހުއްދަ ލިބިގެން ކަމަށެވެ. މިފަދަ ހުއްދައަކާ ނުލައި އަގު ބޮޑުކޮށް ވިއްކާ ފަރާތްތަކުގެ މައުލޫމާތު މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޓްރޭޑަށް ރިޕޯޓްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ކައުންސިލުން ބުންޏެވެ.

"އެއްވެސް ބާވަތެއް ޕެކެޓް ކޮށްގެން ވިއްކި ނަމަވެސް ކޮންޓްރޯލް އަގަށްވުރެ ބޮޑު އަގެއްގައި ވިއްކޭނީ މުދާ ގަންނަ ފަރާތާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތް ކުރުމާއި ބެހޭ ގަވާއިދުގެ 10 ވަނަ މާއްދާގެ ނ. ގައި ބަޔާންކޮށްފައިވާ ފަދައިން ޕެކެޓް ކުރުމަށް ހިނގާ ޚަރަދު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓަށް ލިޔުމަކުން ހުށައަޅައި، އެ މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ލިބިގެން" ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފަިއވެއެވެ.

ގަވާއިދާ ޚިލާފުވާ ވިޔަފާރިވެރިންނަށް އަންނާނެ އަދަބުތަކަކީ:

ފުރަތަމަ ފަހަރު: 100,000 (އެއްލައްކަ) ރުފިޔާގެ ބޮޑު ޖޫރިމަނާއެއް.
ކުށް ތަކުރާރުކުރުން: 6 މަސް ދުވަހުގެ މުއްދަތަށް ފިހާރަ ބަންދުކުރުން.

ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ އަގު ކޮންޓްރޯލް ކޮށްފައިވަނީ އާންމު ރައްޔިތުންނަށް އެ މުދާ ހެޔޮ އަގުގައި ފޯރުކޮށްދިނުމަށެވެ. ނަމަވެސް ބައެއް ވިޔަފާރިވެރިން އަމިއްލަ ފައިދާއަށްޓަކައި އަގު ބޮޑުކުރަމުންދާތީ، އެކަން ހުއްޓުވައި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށް ގައްދޫ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.