ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ، އިންތިޚާބުވި ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުމާ ގުޅިގެން އޭނާގެ ގޮނޑި ހުސްވެއްޖެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފިއެވެ.
ޝުޖާއު ޢަލީ ތިނަދޫ ކައުންސިލްގެ ރައީސްކަމުގެ މަޤާމަށް އިންތިޚާބުވީ "ދަ ޑިމޮކްރެޓްސް" ގެ ޓިކެޓުގައި ވާދަކުރައްވައިގެންނެވެ. ނަމަވެސް، އިންތިޚާބުވި ދައުރުގެ ތެރޭގައި އެހެން ޕާޓީއަކަށް އޭނާ ސޮއިކުރައްވާފައިވާތީ މިކަމާ ގުޅިގެން އެލްޖީއޭއިން ބުނީ، ޝުޖާއު އިންތިޚާބުވި ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި މިދިޔަ މޭ މަހުގެ 19 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަންގައި ދަފްތަރުވެފައިވާކަން އެ ކޮމިޝަނުން އަންގާފައިވާ ކަމަށެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 116 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވާ މެންބަރަކު އެ ދައުރެއްގެ ތެރޭގައި ޕާޓީ ބަދަލުކޮށްފިނަމަ، އެ މެންބަރެއްގެ ގޮނޑި ހުސްވާނެއެވެ. އެލްޖީއޭގެ ބޯޑުން ނިންމާފައިވަނީ މި މާއްދާއަށް ރިއާޔަތްކޮށް ޝުޖާއު މިހާރު މަގާމުން ވަކިވެފައިވާ ކަމަށެވެ.
މީގެ އިތުރުން، ޝުޖާއު މަގާމުން ވަކިވެފައިވާކަން ރަސްމީކޮށް އިލެކްޝަންސް ކޮމިޝަނަށް އެންގުމަށްވެސް އެލްޖީއޭގެ ބޯޑުން ވަނީ ނިންމާފައެވެ. މި މައްސަލަ ފެންމަތިވުމާ ގުޅިގެން، ކައުންސިލްގެ މަސްއޫލިއްޔަތުތަކުން އެއްކިބާވުމަށާއި އޮފީހަށް ނުނިކުތުމަށް ޝުޖާއުއަށް އެލްޖީއޭއިން ކުރިން އޮތީ އަންގާފައެވެ.
ތިނަދޫ ކައުންސިލްގެ ރައީސްގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އެ ރަށު ކައުންސިލްގެ ނައިބު ރައީސްއާ ހަވާލުކުރުމަށް އެލްޖީއޭއިން އެންގީ ހުސްވި ޖޫން މަހުގެ 5 ވަނަ ދުވަހުއެވެ. އެލްޖީއޭގެ މި ނިންމުމާއެކު، ތިނަދޫ ކައުންސިލްގެ ރައީސްގެ ގޮނޑި މިހާރު ވަނީ ރަސްމީކޮށް ހުސްވެފައެވެ.